18 ސެޕްޓެމްބަރ 2016 - 10:32

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މެދުކެނޑުމަކަށް ފަހު މިއަދު ފަށާއިރު އެއް ވަނައިގައި މި ވަގުތު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު ލީގުގެ އެއް ވަނައިގައި އޮތް ޓީސީ އާއި ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ޓީސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަތަރު ވަނައިގައި އޮތް ވިކްޓަރީ އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ފަސް ވަނައިގައި ބީޖީ އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ތިން މެޗުން ދެ ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ވެލެންސިއާ އާއި އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތް މެދުކަނޑާލީ އީދު ބަންދަށެވެ. ލީގު އަލުން މިއަދު ފަށާއިރު، އީގަލްސް ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.
އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި މުބާރާތް ފެށީ 2011 ވަނަ އަހަރު އެވެ. މި އަހަރު މި މުބާރާތް މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސީނިއާ ސްކޮޑުގައި ތިބި 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތުގައި ކުޅެވޭނެ އެވެ. އެކަމަށް ޔޫތު ޓީމާ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ސީނިއާ ޓީމަށް ނުކުޅެވޭނެ އެވެ.