ސަންޗޭޒް ގެންދަން އިންޓަ އިން މަސައްކަތްކުރަނީ
ސަންޗޭޒް ގެންދަން އިންޓަ އިން މަސައްކަތްކުރަނީ

މިލާން (އޮގަސްޓް 20) – މެންޗެސްޓާ ޔުނައިޓެޑުގެ ޗިލީ ވިންގާ އެލެކްސިސް ސަންޗޭޒް ލޯން އުސޫލުން ގެނައުމަށް އިންޓަ މިލާނުން ސީރިއަސް މަޝްވަރާތަކެއް ފަށައިފި އެވެ.

އެންޓޯނިއޯ ކޮންޓޭ ކޯޗަކަށް ގެނެސް އިންޓަ އިން ވަރުގަދަ ސްކޮޑެއް ބިނާކޮށްފައިވާއިރު އެންމެ މުހިއްމު ކުޅުންތެރިޔަކަށް ގެނައީ މެންޗެސްޓާ ޔުނައިޓެޑުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިހާރު މަސައްކަތްކުރަނީ އެ ޓީމުން އެޓޭކިން އިތުރު ކުޅުންތެރިޔެއް ގެންނާށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އިން މިއަދު ނުވަތަ މާދަމާ ޔުނައިޓެޑަށް ރަސްމީކޮށް ބިޑް ހުށަހަޅާނެ އެވެ. އަދި ސަންޗޭޒާ އެކު އެ ކްލަބުން މިހާރު ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެ އެވެ. އެކަމަކު އޭނާ އަށް ޔުނައިޓެޑުން ދޭ ހަފުތާއަކު 400،000 ޕައުންޑަކީ އިންޓަ އަށް ކުޅަދާނަ އަދަދެއް ނޫނެނެވެ. އެހެންވެ މުސާރައިން ބަޔެއް ޔުނައިޓެޑުން ދޭ ގޮތަށް އެއްބަސްވުމަކަށް އައުމަށް އިންޓަ އިން މަސައްކަތްކުރާނެ ކަމަށްވެ އެވެ.

"މިވަގުތު އޭނާ އަކީ އަހަރެމެންގެ ކުޅުންތެރިޔެއް. ބައެއް ކްލަބްތަކުން ސަންޗޭޒަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ،" ޕްރިމިއާ ލީގުގައި ރޭ ވުލްވްސްއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.

އިޓަލީގެ އުދިނޭޒީގައި ވިދާލި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ބާސެލޯނާ އާއި އާސެނަލަށް ކުޅުމަށް ފަހު އެވެ. އޭނާ އަށް ޔުނައިޓެޑުގައި މިވަގުތު އެކަށީގެންވާ ފުރުސަތެއް ނެތެވެ. އެކަމަކު މާކަސް ރަޝްފޯޑާއި އެންތަނީ މާޝިއާލް ފަދަ ކުޅުންތެރިޔަކަށް އަނިޔާވެއްޖެ ނަމަ ސަންޗޭޒްގެ ބޭނުން ބޮޑުވާނެތީ ފަހަރުގައި އޭނާ ހިފަހައްޓަން ސޯލްޝެއާ މަސައްކަތްކޮށްފާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.