އަބަދު ލައްޑޫ ކާންދޭތީ ކައިވެނި ރޫޅާލަން ނިންމައިފި
އަބަދު ލައްޑޫ ކާންދޭތީ ކައިވެނި ރޫޅާލަން ނިންމައިފި

ހަށިރައްކަލަށް ކަމަށް ބުނެ އަބަދު ލައްޑޫ ކާންދޭތީ އެކަމާ ހިތްހަމަނުޖެހި، 10 އަހަރުވީ ކައިވެނި ރޫޅާލަން އިންޑިއާގެ ފިރިހެނަކު ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުއްތަރު ޕްރަދޭޝްގެ މީރަތުގައި ދިރިއުޅޭ ތިން ކުދިންގެ ބައްޕަ ވަރިވާން ފެމިލީ ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

އޭނާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ވަރިވާން ނިންމީ އަނބިމީހާ ކޮންމެ ދުވަހަކު ހެނދުނު 4 ލައްޑޫ އަދި ހަވީރު 4 ލައްޑޫ ކާންދޭތީ އެކަން ބޮޑު އުނދަގުލަކަށް ވެގެންނެވެ. އަދި ލައްޑޫ ކައިކައި މިހާރު ފޫހިވެފައިވާ ކަމަށާއި ހެނދުނާއި ހަވީރު ލައްޑޫ ނޫން އެއްޗެއް ކެއުމުގެ ހުއްދަ ވެސް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އަނބިމީހާ އަކީ ރޫހާނީ ކަންތައްތައް ވަރަށް ބޮޑަށް ގަބޫލުކުރާ މީހަކަށްވާތީ، ލައްޑޫ ކާންދެނީ ރޫހާނީ ކަންތައްތަކުން ސަލާމަތް ކުރަން ކަމަށް ބުނެ އެވެ. ނަމަވެސް ކައިވެންޏަށް 10 އަހަރުވީ އިރު ދުވަހަކު ވެސް އެފަދަ ކަމަކާ މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ބުންޏެވެ. އަދި ލައްޑޫ ދެކެ މިހާރު ވަރަށް ފޫހިވެ، ރުޅި އަންނަ ކަމަށް ވެސް ބުންޏެވެ.

ވަރީގެ މައްސަލަ ހުށަހެޅީ ފެމިލި ކޯޓްގެ ކައުންސެލިން ސެންޓަރު އޮފިޝަލަކު ބުނީ ލައްޑޫގެ މައްސަލާގައި ވަރިވާން ފިރިމީހާ ހުށަހެޅި ނަމަވެސް، މިކަމުގައި ކައުންސެލިން ދޭންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

"އަންހެނަކު ރޫހާނީ ކަންކަން ގަބޫލުކުރުމަކީ ކައުންސެލިން ދެވޭނެ ކަހަލަ ކަމެއް ނޫން. އެއީ އޭނާގެ އަމިއްލަ ގަބޫލުކުރުންތަކެއް،" އޭނާ ބުންޏެވެ.

ލައްޑޫ އަކީ އިންޑިއާގެ ވަރަށް ހާއްސަ ފޮނިކާ އެއްޗެކެވެ. ލައްޑޫއާ ގުޅޭ ގޮތުން، ހިންދީން ދީނީ ގޮތުން ގަބޫލުުކުރާ ކަންތައްތަކެއް ވެސް ހުރެ އެވެ.