20 އޯގަސްޓް 2019 - 14:58

ދައުލަތުގެ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ދޭން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މީގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ހިލޭ އެހީ އެވެ. އަނެއްބައި އެއީ ލޯނެވެ.
ވޯލްޑް ބޭންކާއި ފިނޭންސް މިނިސްޓްރީއާ ދެމެދު މިއަދު ވި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ފަރާތުން ރާއްޖެ އާއި ނޭޕާލާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. އިދާ ސްވަރާއީ ރިޑިއޯ އެވެ.
މި ދެ އެއްބަސްވުމުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ކަނޑައަޅާފައިވާ ބަޖެޓާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުމަށް ފްރޭމްވޯކެއް ތައްޔާރު ކުރުމަށް އެހީވުމުގެ ގޮތުން 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިނުމަށް ވި އެއްބަސްވުމެކެވެ. މިއީ ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސްގެ ދަށުން ވޯލްޑް ބޭންކުން ދޭ އެހީއެކެވެ.
ދެވަނަ އެއްބަސްވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ގުދުރަތީ ހާދިސާތަކާއި ބަލިތަކުން ރައްކާތެރިވުމަށް މާލީގޮތުން ރާއްޖެ ބާރުވެރިކުރުވުމުގެ ގޮތުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިނުމަށް ވި އެއްބަސްވުމެކެވެ. މިއީ ވޯލްޑް ބޭންކުގެ "ކެޓް ޑީޑީއޯ" އާއި ޕެންޑެމިކް އިމަޖެންސީ ފައިނޭންސިން ފެސިލިޓީގެ ދަށުން ދޭ އެހީ އެކެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖެ އަންނަނީ އިގްތިސާދީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުން ކުރިއަރަމުންނެވެ. ނަމަވެސް ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށްވާތީ ގުދުރަތީ ހާދިސާތަކުން ލިބިދާނެ ގެއްލުން ބޮޑުކަމަށް އެ ބޭންކުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.