ޒިޔަތު ވެސް ވިދާޅުވީ ފައިސާއާ މެދު އަމަލުުކުރީ "އެންގެވި ގޮތަށް" ކަމަށް
ޒިޔަތު ވެސް ވިދާޅުވީ ފައިސާއާ މެދު އަމަލުުކުރީ "އެންގެވި ގޮތަށް" ކަމަށް

މިއަދަށް ޝަރީއަތް ނިމުނީ، ދެން އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު 3 ގައި ކަމަށް ފަނޑިޔާރު އިއުލާނުކުރެއްވި.

"ރައީސް ޔާމީން އަންގައިގެން ތިހާ ބޮޑު ގާނޫނާ ހިލާފް ކަމެއް ކުރެއްވީ" ކީއްވެތޯ ޔާމީން ސުވާލުކުރެއްވި. ޒިޔާތު ވިދާޅުވީ އަދީބު އަންގަވާ ގޮތް ހަދަން ޔާމީން ކުރިން އޮތީ އަންގަވާފައިވާ ކަމަށާއި އެކަމަކު އެއީ ބަންޑާރަ ނައިބު ނުވަތަ އޮޑިޓަ ޖެނެރަލްގެ ފަދަ ފަރާތެއްގެ ލަފާ ދީގެން ނޫން ކަމަށް. ޔާމީން ކަންކަން އަންގަވަނީ ލިޔުމުން ނޫން ކަމަށާއި އަނގަބަހުން ކަމަށް ޒިޔަތު ވިދާޅުވި.

އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ޗެކް ހުންނާނީ އެ ކުންފުންޏަށް ލިބެންޖެހޭ ގޮތަށް ކަމަށާއި އެކަމަކު އެންޑޯޒް ކޮށްފައި އެހެން ކުންފުނިތަކަށް ޖަމާކުރަން އިރުޝާދު ދިނީ ރައީސް ޔާމީނާއި އަދީބު ކަމަށް ޒިޔަތު ވިދާޅުވި

ޒިޔަތު ވިދާޅުވަމުން ގެންދަވަނީ ޗެކްތައް އަދީބާ ހަވާލުކުރަނީ ރައީސް ޔާމީން އެގޮތަށް އަންގަވާތީ ކަމަށާއި، މީގެ ކުރިން ނެރުނު ބަޔާނެއްގައި، އެއްވެސް ޗެކެއް އަދީބާ ހަވާލު ނުކުރާ ކަމަށް ބަޔާނެއްގައި ވިދާޅުވެފައި ވިޔަސް އެއީ ރަނގަޅު ވާހަކައެެއް ނޫން ކަމަށް.

ތަކުރާރުކޮށް ސުވާލުކުރެއްވުމުން ޒިޔަތު ވިދާޅުވީ އިކުއިޒިޝަން ކޮސްޓާ މެދު އަމަލުކުރަނީ ރައީސް ވެސް އަންގަވާ ގޮތުގެ މަތިން ކަމަށް. އަދި އެ މައުލޫމާތު ކުންފުނީގެ ބޯޑާ ހިއްސާ ނުކުރައްވާ ކަމަށް. އަދި ޔާމީން ޒިޔަތަށް ގުޅުއްވައި އިރުޝާދު ދެއްވާ ކަމަށް ވިދާޅުވެފައި ވާތީ ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ދުވަހަކު ވެސް ޒިޔަތާ ފޯނުން މުއާމަލާތު ނުކުރައްވާ ކަމަށާއި ބައްދަލުވީ ވެސް އެންމެ ފަހަރަކު ކަމަށާއި އެއީ ފުލުހުންގެ ތަހުގީގެއްގައި ކަމަށް.

ކޮންމެ އަހަރަކު ދޫކުރާނެ ރަށްތަކާއި ފަޅުތަކުގެ އަދަދާއި އާމްދަނީ ލަފާކުރަނީ ކުންފުނީގެ ބޯޑުން އަދި އެމްޑީ ނޫންތޯ ޔާމީން ސުވާލުކުރެއްވުމުން ޒިޔަތު ވިދާޅުވީ އިކުއިޒިޝަން ކޮސްޓްގެ ކަންތައް ހިންގަނީ ކުންފުންޏަށް އެނގިގެން ނޫން ކަމަށް.

ކުރީގެ ރައީސް ޔާމީން، ޒިޔަތާ ސުވާލުކުރައްވަނީ

ކުންފުނި ހިންގުމުގެ އުސޫލުތަކާ ހިލާފަށް ފައިސާ އާއި ޗެކް ޖަމާކުރީ ކީއްވެތޯ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ އުސޫލުތައް ކަނޑައަޅާ ބޭފުޅުން އަންގަވާ ގޮތަށް އަމަލުކުރެއްވީ ކަމަށް. އަދި ވޮޑަމުލާގެ ފައިސާގެ ވެސް ހަވާލުކުރީ، ކަނޑައެޅިގެން ވަކި މީހަކާ އެ ފައިސާ ހަވާލުކުރަން އިންސްޓްރަކްޝަން އައުމުން ކަމަށާއި އެ ފައިސާއާ ހަވާލުވީ "އިޝްފާހް" ކަމަށް

ރަށްތަކުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ލަފާ ހޯއްދަވަންތޯ ޔާމީންގެ ވަކީލުން ސުވާލުކުރެއްވުމުން ޒިޔަތު ވިދާޅުވީ ރައީސް އަންގަވާ ގޮތަށް ކަންތައް ކުރައްވާ ކަމަށް. އަދި އެއީ ކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށާއި އެކަމަކު ކުރީގެ ސަރުކާރުން ކަންތައް ކުރަމުން ދިޔައީ އެގޮތަށް ކަމަށް.

ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރާ ބައެއް ރަށްތަކުގެ ކަންކަން ކުރަނީ ރައީސް ޔާމީން އަންގަވާ ގޮތަށް ކަމަށް. ވޮޑަމުލާގެ ފައިސާ، އަދީބާ ހަވާލުކުރަން ހަވާލުކުރީ އެސްއޯއެފް ކުންފުންޏާ ކަމަށާއި އެއީ އެއް މިލިަން ޑޮލަރު ކަމަށް ޒިޔަތު ވިދާޅުވި.

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކޯޓަށް ހާޒިރުކޮށް، ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ނަގަން ފަށައިފި.

އަދީބު ހާޒިރުކޮށް ނެގި ހެކި ބަހުގައި އަދީބު ޖުމްލަ ގޮތެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ނަގައި އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް އެ ފައިސާ ނަގަމުން ދިޔައީ ޔާމީން އަންގަވާ ގޮތަށް ކަމަށާއި އެ ކަންކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް. ނަމަވެސް އަދީބު އެގޮތަށް ވާހަކަ ދެއްކެވެމުން ޔާމީން ނުރުހުންވެ ވަޑައިގެން ހުންނަވައި، އެގޮތަށް ވާހަކަ ނުދެއްކެވުމަށާއި ކުރާ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންނެވި. އަދީބު ވިދާޅުވީ ހެކި ބަހުގެ ސަބަބުން އިތުރު ދައުވާއެއް އައި ކަމުގައި ވިޔަސް ހަގީގަތް ހާމަކޮށްދެއްވަން ބޭނުންފުޅު ކަމަށާއި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް. އަދީބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް އެސްއޯއެފްގެ މީހުން ދިޔަ، އަދި އެއީ ޔާމީންގެ ވެސް އެކުވެރިން ކަމަށް ވިދާޅުވި.

ދެން އޮންނާނީ ޒިޔަތު ހާޒިރުކޮށް ހެކިބަސް ނެގުން. މި އަޑުއެހުން 1:00 ގައި ފަށަން ނިންމުމަށް ފަހު، ޔާމީންގެ ވަކީލުންގެ ތެރެއިން ބައެއް ބޭފުޅުން ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ވަޑައިގަންނަވަން ޖެހޭކަން ފާހަގަކުރުމުން ގާޒީ ވަނީ 2:30 އަށް އަޑުއެހުން ފަސްކޮށްފައި. ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމި ނިންމުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ

ޔާމީނަށް ކުރާ ދައުވާގައި އޮންނަނީ ވޮޑަމުލާ ކިޔާ ފަޅުރަށެއްގެ އިކުއުޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑަޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ފައިސާ ލޯންޑާކުރި ކަމަށް. އެކަމަކު ތަހުގީގުގައި އެ ރަށުގެ ފައިސާއާ ބެހޭ ގޮތުން ސުވާލުކޮށްފައި ނެތުމުން އެކަމާ ބެހޭ ގޮތުން މާ ގިނަ ސުވާލުތަކެއް ކުރުމުގެ ފުރުސަތެއް ގާޒީ ނުދެއްވި.

ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އަދީބު ވިދާޅުވަނީ 2015 ގައި އިންތިހާބެއް ނެތް ކަމަށާއި އެހެންވެ ކެމްޕެއިނެއް ވެސް ނެތް ކަމަށް.

ޔާމީނާއި އަދީބާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަނީ. އަދީބު ވިދާޅުވަމުން ގެންދަވަނީ އެސްއޯއެފްގައި ކެމްޕޭން ފައިސާ ނުހުންނާނެ ކަމަށާއި ޔާމީން ވާހަކަ ދައްކަވާ ގޮތުން ހީވަނީ ކެމްޕޭނަކީ އެމްއެމްޕީއާރްސީގެ ފައިސާގެ ވާހަކަހެން ކަމަށް.

މިހެން ވިދާޅުވުމުން އަދީބު ވިދާޅުވީ އެސްއޯއެފަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރީ ޔާމީން އަންގަވައިގެން ކަމަށާއި، އެކަން ކުރަނީ ޔާމީން އަންގަވައިގެން ކަމަށް. ތިޔައީ ގާނޫނާ ހިލާފް ކަންކަން ކުރި ކަމަށް އިއުތިރާފު ވަނީތޯ ޔާމީން ސުވާލުކުރެއްވުމުން ވެސް އަދީބު ވިދާޅުވީ އެގޮތަށް.

ކޮންމެ ކަމެއް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވާތީ ޔާމީން އެކަމާ ހިތްހަމަޖެހިވަޑައިނުގެން، ސުވާލަށް ޖަވާބު ދެއްވުމަށް ޔާމީން ވަނީ އަދީބު އަރިހުން އެދިވަޑައިގެންފައި.

ކެމްޕޭނު ފައިސާ ނޫން އެހެން ފައިސާއެއް، ޔާމީނާ ހަވާލުކުރުމަށް އެއްވެސް ފަރާތަކުން ނުލިބޭ ކަމަށާއި ލިބުނު ފައިސާ އަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް. އެހެން ވިދާޅުވުމުން ޔާމީން ކޯފާ އިސްކުރައްވައި، ކޮންމެ ކަމެއް އެ މަނިކުފާނުގެ ބޮލުގައި ނޭޅުއްވުމަށް ވިދާޅުވި.

ޚިޔާނާތުގައި ބައިވެރިވި މީހުންނަކީ ޔާމީންގެ ވެސް އެކުވެރިން ކަމަށް އަދީބު ވިދާޅުވެފައި ވާތީ އެއީ ކީއްވެތޯ ޔާމީން ސުވާލުކުރެއްވުމުން، އަދީބު ވިދާޅުވީ އެއީ ޔާމީންގެ ވެސް މުއަމާލާތުކުރައްވާ މީހުން ކަމަށާއި އެކަން އޭނާގެ ފޯނުގައި މެސެޖުތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުން ވެސް އެނގޭނެ ކަމަށް. އަދި އެ މީހުންނަކީ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް ވެސް ދިޔަ މީހުން ކަމަށް އަދީބު ވިދާޅުވި.

ލިބުނު އަނިޔާތަކާ ގުޅިގެން އެއްވެސް މީހަކާ މެދު ހިތްހަމަނުޖެހުމެއް އޮތްތޯ ޔާމީން ސުވާލުކުރެއްވުމުން ޔާމީނަށް ވެސް މާފު ދީ، އެންމެންނަށް ވެސް މާފުކޮށްފައި ވާނެ ކަމަށް އަދީބު ވިދާޅުވެއްޖެ

ޔާމީން އަދީބާ ސުވާލުކުރައްވަނީ

އަދީބު ހެކި ބަސް ދެއްވަނީ ނުފޫޒެއް ނެތި ކަމަށް ވިދާޅުވެފައި ވަނިކޮށް އެކަމާ ބެހޭ ގޮތުން ޔާމީންގެ ވަކީލް ތަކުރާރުކޮށް ސުވާލުކުރެއްވުމުން ގާޒީ އެކަން ހުއްޓުވައިފި.

ހެކި ބަސް ދިނުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށާއި އިތުރު ހުކުމެއް އަޔަސް ހަގީގަތް ހާމަކޮށް، ޚިޔާނާތުގެ މުގުލުގައި ތިބި މީހުންގެ ވާހަކަ ވެސް ކިޔައިދޭން ބޭނުން ކަމަށް އަދީބު ވިދާޅުވި. އަދި ހެކި ބަސް ދޭތީ އިންޒާރު ލިބިފައިވާ ކަމަށާއި ޖަލުގައި މަރާލާނެ ކަމުގެ އިންޒާރު ވެސް އައިސްފައި ވާތީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށް ވެސް އަދީބު ވިދާޅުވި.

ނަފްސާނީ މައްސަލަތައް ހުރި ކަމަށް އަދީބު ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވާތީ އެކަމާ ބެހޭ ގޮތުން ޔާމީންގެ ފަރާތުން ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ އެކަހެރިކޮށް ހަތަރު އަހަރު ބޭއްވުމުން އެންޒައިޓީ ފަދަ މައްސަލަތައް ކުރިމަތިވާ ވާހަކަ ވިދާޅުވެފައި ވާނެ ކަމަށާއި އެކަމަކު އޭނާ މާނަ އަކީ "މީހާ ދުނިޔެއިން މޮޔަވުން ނޫން" ކަމަށް.

އަދީބު ވިދާޅުވީ ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާ އަށް ފަހު ވެސް ޔާމީން ގުޅުއްވާފައިވާ ކަމަށާއި ފައިސާގެ ވާހަކަ ދެއްކެވި ކަމަށް

ތަހުގީގުގައި އަދީބާ ކޮށްފައި ނުވާ ސުވާލަކާ ގުޅޭ ގޮތުން ދައުލަތުން ސުވާލުކުރުމުން އިސް ގާޒީ އަހްމަދު ހައިލަމް އެކަން ހުއްޓުވައި، ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވައިފި

ކެމްޕެއިން ފައިސާއެއް ދެއްވަން ޔާމީން ނުގުޅުއްވާ ކަމަށާއި އެކަމަކު އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި ވަރަށް ގިނައިން ޔާމީން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވި. އަދި އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް އެ ފައިސާ ހޯދަން ޔާމީން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވި.

އަދީބު ވިދާޅުވީ 2015 ވަނަ އަހަރު އެއްވެސް އިންތިހާބެއް ނެތް ކަމަށާއި އެހެންވެ އެ އަހަރު އެއްވެސް އިންތިހާބު ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކެމްޕެއިނަށް ޔާމީނަށް ލިބިވަޑައިގެން ފައިސާ ކަމަށް ޔާމީން ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށް.

އަދީބު ވިދާޅުވީ ޕާޓީ އަށް ފައިސާ ހޯދަން މަސައްކަތްކުރަނީ އިންތިހާބެއް ބޯމަތިވުމުން ކަމަށާއި އެގޮތުން ފައިސާ ދޭ މީހެއްގެ އަތުން ވެސް ލިބެނީ ލައްކައެއް ދެ ލައްކައެއްހާ ރުފިޔާ ކަމަށް.

ދައުލަތުން އެންމެ ފުރަތަމަ ސުވާލުތައް އަމާޒުކުރަނީ ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ޕާޓީއަށް ފައިސާ ހޯއްދެވި ގޮތާ ބެހޭ ގޮތުންނާއި ފައިސާ ލިބުނު ގޮތްތަކާ ބެހޭ ގޮތުން

އަދީބު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ހުވާކުރުމަށް ފަހު ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފައްޓަވައިިފި.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގައި އެ މަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. މިއީ ޔާމީން އަވަހަރާކޮށްލަން އުޅުމާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތަށް އަދީބު ހައްޔަރުކުރި ފަހުން ޔާމީނާއި އަދީބު އެއްތަންވި ފުރަތަމަ ފަހަރެވެ.

މިއަދު ކުރިއަށްދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ތިން ވަނަ އަޑުއެހުމެވެ.

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި އަދީބު ހައްޔަރުކުރީ އޮކްޓޫބަރު 24، 2015 ގަ އެވެ. އޭގެ ފަހުން ނައިބު ރައީސްކަމުގެ މަގާމުން އަދީބު ވަކިކޮށް، ތުހުމަތުތަކާ ގުޅިގެން ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށް ލި އެވެ. ނަމަވެސް މިހާރު ހުންނެވީ ކޯޓުން ހުކުމްތައް ބާތިލްކުރުމުން އެ ހުކުމްތަކުން ސަލާމަތްވެފަ އެވެ. ނަމަވެސް ބައެއް ދައުވާތަކުގެ ޝަރީއަތް އަލުން ހިންގާތީ އާއި އިސްތިއުނާފުގެ މައްސަލައެއް ކޯޓުގައި ހިނގަމުން ދާތީ އަދީބު ރާއްޖޭން ބޭރަށް ވަޑައިގަތުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖޭން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވި މައްސަލާގައި މިހާރު އަނެއްކާވެސް އަދީބު ހުރީ ބަންދުގަ އެވެ.

އަދީބު މިއަދު ކޯޓަށް ހާޒިރުކުރީ އޭނާ ޖަލުގައި ހުއްޓާ ވެއްޓި އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު އަލުން ޖަލަށް ގެންދިއުމަށް ފަހު އެވެ.

ކޯޓުގައި މިއަދު ކުރިއަށްދަނީ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިން ހާޒިރުކޮށް ސުވާލުކުރުމެވެ. އެގޮތުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ހާޒިރުކޮށް ދައުލަތުންނާއި ޔާމީން އަދި ޔާމީންގެ ވަކީލުން ވެސް ސުވާލުތައް ކުރިމަތިކުރި އެވެ. މިއީ މުއައްވިޒް ހާޒިރުކޮށް ސުވާލުކުރި ދެ ވަނަ ދުވަހެވެ.

މިއަދު ދެން ހެކިންގެ ގޮތުގައި ހާޒިރުކުރަނީ އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.