21 އޯގަސްޓް 2019 - 12:08

ކުއާލަ ލަމްޕޫރު (އޮގަސްޓް 21) - މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ބައިބައިވުން އުފެދޭ ފަދަ ވާހަކަތަކެއް ވިދާޅުވެފައިވާ ނަމަ މައާފަށް އެދޭ ކަމަށް ދީނީ އިލްމުވެރިޔާ ޒާކިރް ނައިކް ވިދާޅުވެއްޖެ އެވެ.
ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް ދާދި ފަހުން ވިދާޅުވެފައި ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ "މެހުމާނުންތަކެއް" ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ.
ޒާކިރު ނައިކުގެ ވާހަކަތަކާ ގުޅިގެން އޭނާ މެލޭޝިއާ އިން ފޮނުވާލުމަށް އެތައް ބަޔަކު ވަނީ ގޮވާލައިފަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ވަނީ ކެބިނެޓުގައި ވެސް މަޝްވަރާކޮށްފަ އެވެ.
ޒާކިރު ނައިކް މައާފަށް އެދިވަޑައިގެންފައި ވަނީ އޭނާއާ ފުލުހުން ސުވާލުކޮށްފައި ވަނިކޮށެވެ. މެލޭޝިއާ ފުލުހުން ޒާކިރް ނައިކްއާ ހޯމަ ދުވަހު ވަނީ 10 ގަޑިއިރު ވަންދެން ސުވާލު ކޮށްފަ އެވެ. ފުލުހުން ބުނީ ޒާކިރް ނައިކްއާ ގުޅޭ ގޮތުން 115 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
މެލޭޝިއާ ފުލުހުން މިހާރު ވަނީ ޒާކިރް ނައިކް އެ ގައުމުގައި ތަގްރީރު ކުރުން މަނާކޮށްފަ އެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޒާކިރް ނައިކް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ވިދާޅުވި ބަސްތަކުގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އެއްވެސް ފަރުދަކަށް އުނިކަމެއް އަންނަ ބަހެއް ވިދާޅުވުމަކީ އޭނާގެ ގަސްދެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ވާހަކަތަކާ ގުޅޭ ގޮތުން އަރާފައިވާ ބޮޑު އޮޅުމާ މެދު މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވީ ޒާކިރް ނައިކް ވަނީ ރޮނގު ހުރަސްކޮށްފައި ކަމަށެވެ.
މެލޭޝިއާގެ ކުރީގެ ސަރުކާރުން ޒާކިރް ނައިކް، 53، އަށް ވަނީ ޕާމަނަންޓް ރެސިޑެންސީ ދީފަ އެވެ.
އިންޑިއާ އިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އޭނާ ނިއު ދިއްލީއާ ހަވާލު ކުރުމަށް މެލޭޝިއާގައި އެދިފަ އެވެ. މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޒާކިރް ނައިކް އިންޑިއާ ދޫކުރައްވާ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ ޒާކިރު ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން އިންޑިއާ އިން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.
ނަސްލީ ނުވަތަ ދީނީ ގޮތުން ބުނާ ބަސްތަކަކީ މެލޭޝިއާގައި ވަރަށް ސީރިއަސް މައްސަލަތަކެކެވެ. މެލޭޝިއާގެ 32 މިލިއަން މީހުންގެ އާބާދީގެ 60 ޕަސެންޓަކީ މުސްލިމުންނެވެ. ދެން ހިމެނެނީ ޗައިނާ އާއި އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. އިންޑިއާ ނަސްލަށް ނިސްބަތްވާ ގިނަ މީހުންނަކީ ހިންދޫންނެވެ.