ސައިކަލް ޓެކްސީ ދަތުރެއްގެ އަގަކީ 10ރ.: މިނިސްޓްރީ
ސައިކަލް ޓެކްސީ ދަތުރެއްގެ އަގަކީ 10ރ.: މިނިސްޓްރީ

އަންނަ މަހުގެ ކުރީކޮޅު ސައިކަލް ޓެކްސީގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގައި ދަތުރެއް ކޮށްދޭނީ 10ރ. އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެެފި އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އައިމަން ޝަރީފް ވިދާޅުވީ ސައިކަލް ޓެކްސީ ދިނުމާ ގުޅޭ ގަވާއިދު ހެދުމަށްފަހު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދަން ފޮނުވާފައިވާ ކަމަށެވެ. އަދި އޭޖީގެ ލަފާ ވެސް ލިބިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ގަވާއިދަށް ކުދިކުދި ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް އައިމަން ވިދާޅުވި އެވެ.

"އީދު ބަންދާ ގުޅިގެން ލަސްތަކެއް މިއައީ. މި މަހުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރަން މަސައްކަތް ކުރަމުން މި އަންނަނީ،" އައިމަން ވިދާޅުވި އެވެ.

މި ހިދުމަތަށް ބޭނުންކުރާނީ މާލޭގައި އާއްމުކޮށް ބޭނުންކުރާ ސައިކަލްތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ސައިކަލް ޓެކްސީގެ ސަބަބުން، މާލޭގައި ދިރިއުޅޭ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ އެވެ. އަދި ސައިކަލް ޓެކްސީތަކާ އެކު ވަޒީފާތަކެއް އުފެދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ކުރިމަތިލި ހަ ކުންފުނީގެ ތެރެއިން ދެ ކުންފުންޏަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ ރައިޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑަށެވެ.