23 އޯގަސްޓް 2019 - 17:00

ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ތަރައްގީ ކުރަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައި އޮތީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅީ އިގްތިސާދީ ހާލަތާއި އާބާދީ އަށް ބަލައިގެން ކަމަށާއި އެ ސަރަހައްދުތައް އަދި ފައިނަލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
- ހދ. ކުޅުދުއްފުށި
- ޅ. ނައިފަރު
- ލ. ގަން
- ގދ. ތިނަދޫ
- ސ. ހިތަދޫ
މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދު އާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ހިމަނަން އޮތީ ވިސްނައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" ގެ ނަމުގައި ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ޕްލޭން ފައިނަލްކުރާނީ ކަމާބެހޭ ފަރާތްތަކުގެ ލަފަ އާއި މަޝްވަރާއާ އެކުގަ އެވެ.
މައި ރަށްތައް ތަރައްގީ ކުރާނީ އެރަށްތަކާ އެހެން ރަށްތައް ގުޅޭގޮތަށް ކަމަށެވެ. އެކަން ކުރާނީ ރަނގަޅު ދަތުރުފަތުގެ ނިޒާމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ފެރީގެ ނިޒާމެއް. ކަނޑުގަދަވިޔަސް ދަތުރުކުރާ މީހުންނަށް ބޮޑެތި އުނދަގޫތައް ނުވާ ކަހަލަ ފެރީގެ ނިޒާމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މައި ރަށްތަކެއް ކަނޑައެޅުންވެސް އެ ރަށްތަކާ ދުރުގައި އޮންނަ ރަށްތަކެއް އޮވެ އެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި އެ ރަށްތައް ތަރައްގީ ކުރަން ނިންމާފައިވަނީ "ކްލަސްޓާއެއް"ގެ ގޮތުގަ އެވެ. އެއީ ދަތުރުފަތުގެ ތެރެއިން ގުޅުވައިގެން ކުދި ރަށްތައް އެކުގައި ތަރައްގީ ކުރުމެވެ.
- ފ. ނިލަންދޫ
- އދ. މާމިގިލި
- މ. ކޮޅުފުށި
- މ. މުލި
ވ. ފެލިދޫ
ގދ. ފަރެސްމާތޮޑާ
ގދ. ގައްދޫ
އއ. ރަސްދޫ
އދ. މަހިބަދޫ
މިނިސްޓަރު ވިދާޅުވީ 2044 ވަނަ އަހަރަށް ދާއިރު މުޅި ރާއްޖޭގެ އާބާދީއަށް ވުރެ މާލޭގެ އާބާދީ އިތުރުވާނެ ކަމަށެވެ. އެއާއެކު މާލެ އާއި އަތޮޅުތެރޭ ރަށްތަކަށް ބައިވަރު މައްސަލަތައް ދިމާވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ކުރިއަށް ގެންދެވޭކަށެއް. މާލެ ތޮއްޖެހުމާއި އަތޮޅުތެރޭ ރަށްތަކަށް ހިދުމަތް ލިބުން މަދުވެގެން ދިއުމާއި އެތަނުގައި މީހުން ނުތިބުމާ އެކަހަލަ ބައިވަރު މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދާނެ،" އެމްޑީޕީގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.
ކަންކަން އެގޮތަށް ހުރުމުން ސަރުކާރުން ނިންމާފައިވަނީ ހާއްސަ ޕްލޭނެއްގެ ދަށުން ކަންކަން ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.