24 އޯގަސްޓް 2019 - 12:14

މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ އައްޑޫ ސިޓީ ކައުންސިލުން މިރޭ މާލޭގައި ބައްދަލުކުރަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގައި ކަމަށެވެ. މި ބައްދަލުވުމުގައި އައްޑޫގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
ވެރިރަށް މާލޭގައި އައްޑޫގެ ވަރަށް ގިނަ ބަޔަކު އުޅެ އެވެ. އަދި މާލެއަކީ އައްޑޫގެ ވަރަށް ގިނަ ވިޔަފާވެރިންގެ މައި ވިޔަފާރި މަރުކަޒު ވެސް މެ އެވެ.
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުރަން ކައުންސިލުން ނިންމި އިރު، މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލުން ވަނީ އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އައްޑޫގެ ތަރައްގީގެ މަޝްރޫތަކާއި އަންނަ އަހަރަށް އެކުލަވާލާ ބަޖެޓް ފަދަ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.
ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދު ވެސް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.