ކުޅުންތެރިން އިންސާފު ހޯދަން ދާނެ ތަނެއް ނެތް!
ކުޅުންތެރިން އިންސާފު ހޯދަން ދާނެ ތަނެއް ނެތް!

އުމުރުން 28 އަހަރުގައި ނަސީރު އިސްމާއިލް 2004 ވަނަ އަހަރު ޓްރެކުން ފޭބީ އޭނާގެ ދުވެލި މަޑުވެގެން ނޫނެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބޭއިންސާފުން ކަންތައްތަކުރާތީ ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެވެ. ރާއްޖޭގައި އެހާތަނަށް އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ވަރަށް ޒުވާން އުމުރެއްގައި ރިޓަޔާކުރަން ޖެހުމުގެ ޒިންމާ ނަގާނީ ކޮން ބަޔެއް ހެއްޔެވެ؟

ކުޅުންތެރިން އިންސާފު ހޯދަން ދާނެ ތަނެއް ނެތް!
ކުޅުންތެރިން އިންސާފު ހޯދަން ދާނެ ތަނެއް ނެތް!

އެއީ އެސޯސިއޭޝަން ހިންގަން ސަރުކާރުން ވެރިން ލެއްވި ދުވަސްވަރެވެ. މިއަދު މިއީ އިންތިހާބުތައް ބާއްވައި ސީދާ އެ ކުޅިވަރަކަށް ނިސްބަތްވާ މީހުން އެސޯސިއޭޝަން ހިންގަން މީހުން ހޮވާ ދުވަސްވަރެވެ. ކުޅިވަރުގެ ގައުމީ މަޖިލީހެއް އޮވެ އެވެ. ކްލަބް ޖަމިއްޔާތަކުގެ ރަޖިސްޓްރޭޝަނަށް ހާއްސަ އޮފީހެއް ހުރެ އެވެ. ކުޅިވަރުގެ ވަސީލަތްތަކުން ވިޔަފާރީގެ ނަފާ ހޯދާނެ ކުންފުންޏެއް އެބައޮތެވެ. ކުޅިވަރު ގާނޫނުގެ ހިޔާވަހިކަން އެހާމެ ބޮޑެވެ. އެކަމަކު އަދިވެސް ކުޅުންތެރިންނަށް އިންސާފުގެ މަގުގައި ހިޔާވައްސެއް ނެތެވެ.

ކުޅުންތެރިން އިންސާފު ހޯދަން ދާނެ ތަނެއް ނެތް!
ކުޅުންތެރިން އިންސާފު ހޯދަން ދާނެ ތަނެއް ނެތް!

މިދިޔަ އަހަރެއްހާ ދުވަހަށް އެކަނި ބެލިޔަސް ކުޅުންތެރިންނަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވެފައިވެ އެވެ. ސަސްޕެންޝަންތަކާއި ސްކޮޑުން ފުރުސަތު ނުލިބުން ފަދަ ކަންކަމެވެ. އޭގައި ކުޅުންތެރިންގެ މައްސަލަ ވެސް އޮވެދާނެ އެވެ. އެކަމަކު އެސޯސިއޭޝަނާ ޖެހޭ މައްސަލައެއްގައި، އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީން ފިޔަވަޅު އެޅުމުން ދެން އެ މައްސަލަ ހިފައިގެން ދާންވީ ކޮންތާކަށް ހެއްޔެވެ؟ އެސޯސިއޭޝަނުގެ އިހުމާލުން ނުވަތަ ޒާތީ ސަބަބަކާ ހެދި ކުޅުންތެރިޔާ އަށް ލިބޭ އަދަބަށް އިންސާފު ގާއިމްކޮށްދޭނީ ކޮން ބަޔެއް ހެއްޔެވެ؟

"އަޅުގަނޑުމެންނާ ދޭތެރޭ އެސޯސިއޭޝަނުން ގޯސްކޮށް ކަމެއް ކުރިޔަސް އެކަމާ ދެކޮޅަށް ކުރެވޭނެ ކަމެއް ނެތް. ތަނަކަށް އެ މައްސަލަ ލިޔަސް، މީޑިއާއަކަށް ދިނަސް އިތުރު ފިއްތުންތައް އަންނަނީ. ފުރުސަތުތައް ގެއްލެނީ. އެހެންވެ ކެރިއަރަށްޓަކައި އަޅުގަނޑުމެންނަށް ޖެހެނީ ހިންދިރުވާލާފައި އެކަން ހަނދާން ނައްތާލަން،" އެތުލީޓަކު ބުންޏެވެ.

އިހަކަށް ދުވަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކާމިޔާބު ހޯދި އެތުލީޓުންގެ ތެރޭގައި ވެސް މިފަދަ ބޭއިންސާފާ ކުރިމަތިވެ، އިންސާފު ނުލިބި އެކަމަކު ވެސް ހިންދިރުވާލާފައި ގޮސް ގައުމަށްޓަކައި ކާމިޔާބު ހޯދި ކުޅުންތެރިން އެބަތިއްބެވެ. ބެޑްމިންޓަނުން ރަން މެޑަލް ހޯދި އައިމިނަތު ނަބީހާ އެ ކާމިޔާބަށް ފަހު މައިކް ދިއްކޮށްލުމުން ދައްކަން ޖެހުނީ ސަސްޕެންޝަނެއްގެ ވާހަކަ އެވެ.

"މި އަހަރު އެކަނި ވެސް ވަރަށް ބައިވަރު ގޮންޖެހުން ކުރިމަތިވި. (މީގެ) ހަ މަސް ކުރިން ސަސްޕެންޑް ވެސް ކުރި (ޓީމުން)." ނަބީހާ ބުނެފައިވެ އެވެ.

އޭނާ ސަސްޕެންޑްކުރީ ގައުމީ ޓީމުގެ ހާޒިރީ ލިސްޓުގައި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުންނެވެ. ނަބީހާ އޭރު ބުނީ އެކަން ކުރި ސަބަބަކީ ކޯޗަށް ހާޒިރީ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، އައި ކަމަށް ފާހަގަޖަހާތީ އެކަމާ ދެކޮޅަށް ކަމަށެވެ. އެ މައްސަލަ ބަލަން ކަމަށް ބުނެ މުއްދަތެއް ނެތި ނަބީހާ ސަސްޕެންޝަނުގައި ބަހައްޓާފައި ކުއްލިއަކަށް އެންގީ ޕްރެކްޓިހަށް ނުކުންނާށެވެ.

ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް ވަރަށް ޒުވާން އުމުރެއްގައި ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު ދެއްކީ ވެސް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ނުލިބޭ ވާހަކަ އެވެ. ތަމްރީން މާހައުލުގައި ހުރި މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެސޯސިއޭޝަނުގެ ހުރިހާ ލެވެލެއްގައި ވެސް، ތަފާތުކުރުންތަކާއި ވަކި އަތަކަށް ޖެހުން އޮތް އޮތުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ސިސްޓަމުގައި، ކުޅުންތެރިންނަށް ހުރަސްތަކެއް އެބަހުރި. އަދި ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތައް ނެތްއިރު، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ހަހަމަމަ ހައްގުތަކެއް ވެސް ނެތް،" ތޯއިފް ބުނެފައިވެ އެވެ.

ރާއްޖޭގެ މިޑްލް ޑިސްޓެންސް ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫނަށް މިދިޔަ އަހަރު ކުރިމަތިވީ އެހާމެ ހިތްދަތި ގޮތެކެވެ. އޮލިމްޕިކް ކޮމިޓީން ދިން ފުރުސަތެއްގައި މޮރޮކޯގައި އޭނާ ތަމްރީން ހަދަމުން އައީ އޭޝިއަން ގޭމްސްގައި ވާދަކުރާށެވެ. އެކަމަކު އެތުލެޓިކްސް އެސޯސިއޭޝަނުން އޭނާ އަށް ފުރުސަތެއް ނުދިނެވެ. ދެއްކި އުޒުރަކީ ޓައިމް ޓްރަޔަލްގައި ބައިވެރިނުވުމެވެ. އެކަމަކު ފަޒީލް ބުނީ އެ ޓްރަޔަލްގައި ބައިވެރިނުވީ ސަބަބުތަކެއް ހުރެގެން ކަމަށާއި އޭގެ ކުރިން ވެސް އަދި ފަހުން ވެސް އޭނާ ނެރެމުން އައި ނަތީޖާތަކާ އެކު، ގޭމްސް އިން ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެސޯސިއޭޝަނުން ބުނީ ޖޫން 23 އަދި 24 ގައި ސިލެކްޝަން ޓްރަޔަލް ޖަހަން ޖެހޭނެކަމާއި ނުޖަހައިފި ނަމަ ގޭމްސް އިން ފުރުސަތު ނުލިބޭނެކަން އަންގާފައިވާނެ ކަމަށާއި މާލޭގައި ބޭއްވި ނަމަވެސް ރާއްޖޭން ބޭރުގައި ތަމްރީން ހަދަމުން އައި ދުވުންތެރިންނަށް އެ ތިބި ތަނެއްގައި ޓްރަޔަލް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެކަމަކު ފަޒީލް ބުނީ ޖޫން މަހު ޓްރަޔަލް ޖަހަންޏާ އަނެއްކާ ޓްރަޔަލަށް ސީދާ ތައްޔާރުވާން ޖެހި ތަމްރީންތަކަށް އަސަރުކުރާނެ ކަމަށެވެ. އަދު އޭރު މާލެ އަންނަން އޮތީ އެންމެ މަހެއް ކަމަށާއި ޓްރަޔަލް ޖަހަންޏާ ޖެހޭނީ ޒީރޯ އެލްޓިޓިއުޓް ހުންނަ ތަނަކަށް ދާން ކަމަށެވެ. ފުރުސަތެއް ނުލިބުނެވެ.

އެ ސިލްސިލާ އަށް އިތުރުވި ބޮޅަކީ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ނުދިނުމެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ސަސްޕެންޑްކުރީ ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުންނެވެ. އެއީ ކިހާ މުއްދަތަކަށް ދިން ސަސްޕެންޝަނެއް ކަން ވެސް އަދި އެ އުވާލި ކަމެއް ދެނެހުރި މީހަކު ނެތެވެ. އޭގެ ފަހުން ދޮޅު އަހަރުވެއްޖެ އެވެ. މިހާރު ދައްކާ އުޒުރަކީ އުމުރެވެ. މުހައްމަދު އާރިފް (ބަކާ) އަށް ވެސް ފުރުސަތު ނެތީ އުމުރުން ދޮށި ވުމުންނެވެ. އެކަމަކު މިހާރަށް ވުރެ އޭނާ ޒުވާން ދުވަސްވަރު ގައުމީ ޓީމުން ފުރުސަތު ނުދީ ތިން އަހަރު ބެހެއްޓި އެވެ. ކްލަބް ފެންވަރުގައި މޮޅަށް ކުޅުނު ނަމަވެސް ފުރުސަތު ނުދޭ ސަބަބު އޮތީ ނޭގުމެއްގެ ތެރޭގަ އެވެ. އަސްހަދު އަލީ (އަޑުބަރޭ) އަދި ކުއްލިއަކަށް މިދިޔަ އަހަރު ކެޕްޓަން ބޭންޑް ނެގި ސަބަބެއް ވެސް އެނގޭ މީހަކު ނެތެވެ. އެނގޭ ކަމަކީ އެކަމާ ހިތްހަމަނުޖެހިގެން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) ބުނެފައިވާ ގޮތުގައި މިއީ އަބަދުވެސް ދިވެހި ކުޅުންތެރިންނަށް ޖެހޭ ހާލެއް ކަމަށެވެ.

"ފުޓްބޯޅައިގައި ޑިސިޕްލިން މިކިޔަނީ ކޮން ކަމަކަށްތޯ؟ ޑިސިޕްލިން ނެތުމަކީ ޕްރެކްޓިހަށް ނައުމާއި ކޯޗުގެ ޕްލޭނާ އެއްގޮތަށް ދަނޑުމަތީގައި މަސައްކަތް ނުކުރުން. ކުޅުންތެރިންނަކީ ރޮބަޓުންތަކެއް ނޫން. އެހެންވީމާ އަމިއްލަ ދިރިއުޅުގައި ކަންތައްތަކެއް ހުރެދާނެ. އެ ހުރިހާ ކަމެއް ކުޅުންތެރިޔާގެ ޑިސިޕްލިންއާ ނުބެއްސޭނެ. ޕްރެސް ކޮންފަރެންސަކަށް ނުދިއުމަކީ ކުޅުންތެރިޔާގެ ޑިސިޕްލިން ނެތުންތޯ؟،" ހީނާ ބުނެފައިވެ އެވެ.

ރާއްޖޭގެ ކްލަބްތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ނުލިބުމުގައި އެފްއޭއެމްގެ އިހުމާލު އެބައޮތެވެ. އެފަދަ މައްސަލަތަކުގައި އެފްއޭއެމް ޖަވާބުދާރީކުރުވަން ކްލަބްތަކުން މަސައްކަތްކުރުމުން ޖެހުނު ހާލު އެއޮތީ ފެންނާށެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް ނިއު ރޭޑިއަންޓަށް އައީ ސަސްޕެންޝަނެކެވެ. އެކަން ވެސް ކުރީ ކުޅުންތެރިންގެ ހައްގުގައި ކަމަށް އެފްއޭއެމުން ބުނެ އެވެ. އެކަމަކު ހެއްވާ ކަމަކީ، އެ ކްލަބަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ކުޅުންތެރިންނަށް މުސާރަ ދޭން ހިފެހެއްޓި ފައިސާ، ދެ މަސްވީ އިރު ވެސް ކުޅުންތެރިންނަށް ނުދޭ ކަމެވެ. އެހެންވެ އެއީ ކުޅުންތެރިންގެ ހައްގުގައި ކުރި ކަމެއްތޯ ނުވަތަ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނިއު އިން ހުށަހެޅުމުން ދިން އަދަބެއްތޯ ސުވާލު އުފެދެ އެވެ. މުސާރަ ނުލިބިގެން މައްސަލަ ހުށަހަޅައި އެތައް ދުވަހެއްވީ އިރު ވެސް ނުނިމި ހުރެ އެވެ. އެކަމަކު ވަކި ކްލަބަކާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި ނަމަ 24 ގަޑިއިރުން ވެސް އެ މައްސަލަ ނިންމައިދީފައިވެ އެވެ.

މިފަދަ އެތައް މައްސަލަތަކެކެވެ. ކުޅުންތެރިންނާއި ކްލަބްތަކަށް ކުރިމަތިވަނީ ނިކަމެތި ގޮތެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 40 އަހަރު ވާދަކުރި ނިއު އަށް ހަދާލި އިހާނެތި ގޮތާ ބެހޭގޮތުން ވާހަކަދައްކާނެ ނުވަތަ އެކަމާ ދެކޮޅަށް ނުކުންނާނެ ބަޔަކު ނެތެވެ. ކުޅުންތެރިންނަށް އެސޯސިއޭޝަނުން ފުރުސަތުތައް ގެއްލުވާލުމުން ދާނެ ދިމާލެއް ނެތެވެ. އެކަމަކު އެ ކުޅުންތެރިންނާއި އެ ކްލަބްތަކުން ކާމިޔާބު ހޯދުމުން މުޅި ގައުމު އުފާކުރެ އެވެ. އެ ކާމިޔާބީގެ ރީތި ނަން އެސޯސިއޭޝަންތަކާއި މިނިސްޓްރީ އަށް ވެސް ލިބެ އެވެ. ހަގީގަތަކީ އާއްމު ފަރުދުންގެ މެދުގައި އިންސާފު ގާއިމްނުވާ ނަމަ ގައުމަށް ހަގީގީ ތަރައްގީއެއް ނާންނަ ފަދައިން ކުޅިވަރު ކުޅުންތެރިންނަށް އިންސާފު ނުލިބޭ ނަމަ ހަގީގީ ކާމިޔާބަކާ ހަމަޔަށް ދިއުމަށް ހުރަސްތަކެއް އެޅޭނެ ކަމެވެ. އެ ހިތްދަތި މަންޒަރު ބަލަން ތިބި ޒުވާން ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރުކުރާނެ އެވެ.

މިއީ ދިވެހި ކުޅުންތެރިން، ޕްލޭޔާސް ޔޫނިއަންއެއް އުފައްދަންވީ ވަގުތެވެ. އޭރުން ސަރުކާރުގެ މުއައްސަސާތަކާއި އެސޯސިއޭޝަންތައް އަތުގުޅުވާލިޔަސް، އެކަމާ ދެކޮޅަށް ތެދުވާނެ ބާރު ލިބޭނެ އެވެ!