ވޭޕް ކުރުމުން ފުއްޕާމޭ ހަލާކުވި އެކަކު މަރުވެއްޖެ
ވޭޕް ކުރުމުން ފުއްޕާމޭ ހަލާކުވި އެކަކު މަރުވެއްޖެ

އެމެރިކާގެ އިލިނޯއީގައި، ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ހަލާކުވެ ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މިއީ ވޭޕް ކުރުމުގެ ސަބަބުން ކުރިމަތިވި މައްސަލަތަކެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރު ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.

މަރުވި މީހާ އަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ފެށީ ވޭޕް ކުރި ފަހުން ނޭވާލާން އުނދަގޫވެ ޑޮކްޓަރަށް ދެއްކި އިރު، ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުންނެވެ. ސިއްހީ އޮފިޝަލުން ވިދާޅުވީ އެ މީހާގެ ފުއްޕާމެޔަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށާއި އެއީ ވޭޕްކުރުމުގެ ސަބަބުން ޖެހުނު ބައްޔެއް ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ ފުއްޕާމެޔަށް ޖެހޭ، ގޮތް ނޭނގޭ ބައްޔެއް އެމެރިކާގައި އާންމުވަމުން އަންނަ ކަމަށާއި މިއީ ވޭޕްކުރުން ނުވަތަ އީ-ސިނގިރެޓާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ސީޑީސީން ބުނީ މީގެ 193 ކޭހެއް އެމެރިކާގެ 22 ސްޓޭޓަކުން ޖޫން 28 އާއި އޯގަސްޓް 20 އާ ދެމެދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ދިމާވި ގިނަ މީހުންނަކީ ކެނަބިސް ބޭނުންކުރި މީހުން ކަމަށާއި އެއީ ކެނަބިސްގައި ހުންނަ މައިގަނޑު މާއްދާ ކަމަށްވާ ޓީއެޗްސީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ވޭޕްކުރުމުން ފުއްޕާމަޔަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ޓީންއޭޖް މީހުންނާއި އެޔަށް ވުރެ ދޮށީ އުމުރުތަކުގެ މީހުންނެވެ.

މި މައްސަލަ ދިމާވެ ފަރުވާ ހޯދަންޖެހެނު މީހުންނަށް، ހުން އައުމާއި ކެއްސުމާއި ހޮޑުލުމާއި ބޭރަށް ހިންގުމާއި ބޮލުގައި ރިއްސުން އަދި މޭގައި ރިއްސުން ތަޖުރިބާކުރަން ޖެހުނު ކަމަށާއި އެއްބަޔަކަށް އެތައް ހަފުތާއެއް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.