އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުން އަދި މާއަވަސް: ޓްރަމްޕް
އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުން އަދި މާއަވަސް: ޓްރަމްޕް

ޕެރިސް (އޮގަސްޓް 26) - ފްރާންސްގައި ފެށި ޖީ7ގެ ވެރިންގެ ސަމިޓަށް ކުއްލި ގޮތަކަށް ވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފްއާ ބައްދަލު ކުރުން އަދި މާއަވަސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުން އަދި މާއަވަސް: ޓްރަމްޕް
އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުން އަދި މާއަވަސް: ޓްރަމްޕް

"އަޅުގަނޑު ބޭނުމެއް ނޫން މާއަވަހަށް ބައްދަލު ކުރާކަށް،" ސަމިޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ ކުރިން ޝެޑިއުލް ނުކުރާ ދަތުރެއްގައި ޒަރީފް ސަމިޓަށް ވަޑައިގަންނަވާކަން އޭނާ އަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖީ7ގެ ސަމިޓަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ފްރާންސްގެ ރައީސް އެމަނުއެލަ މެކްރޮން އެވެ. ފްރާންސްގެ ބޭނުމަކީ އެމެރިކާ އާއި އީރާނާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމެވެ.

"އަޅުގަނޑަށް އެނގޭ މެކްރޮން ކުރައްވަމުން އެ ގެންދަވާ މަސައްކަތް. ފްރާންސްގެ ރައީސް އެކަންކަން ކުރައްވަނީ އަޅުގަނޑުގެ ހުއްދަ ލިބިގެން. އެހެންވެ އީރާނުގެ ޚާރިޖީ ވަޒީރު ސަމިޓަށް ވަޑައިގަންނަވާކަން ވެސް އަޅުގަނޑަށް ކުރިން އެނގޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އީރާނާ އެކު 2015 ވަނަ އަހަރު ސޮއިކުރި ތާރީޚީ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ އަހަރު ވަކިވެފަ އެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އެމެރިކާ އިން ކުރަމުން ނުދާ ކަމަށާއި އެމެރިކާ އިން ކުރާހާ ވެސް ކަމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުން ކަމަށެވެ.