26 އޯގަސްޓް 2019 - 16:32

މަޔޯކާ، ސްޕޭން (އޮގަސްޓް 26) - ސްޕޭނުގެ މަޔޯކާގެ މަތިން ދަތުރުކުރި ހެލިކޮޕްޓަރަކާއި ކުޑަ މަތިންދާ ބޯޓެއް ވައިގެ ތެރޭގައި ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި ހަތް މީހުންގެ ތެރޭގައި ޖަރުމަނުގެ އާއިލާއެއްގެ ހަތަރު މެންބަރުން ހިމެނިއްޖެ އެވެ.

ވައިގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި ހެލިކޮޕްޓަރާއި ބޯޓުގައި ރޯވެ ދެ އުޅަނދުގެ ބައިތައްް ވަނީ، ސްޕޭނުގައި ޓޫރިސްޓުންގެ މެދުގައި މަގްބޫލް ރަށުގެ ދަނޑަކަށް ވެއްޓިފަ އެވެ.
ޖަރުމަނުގެ ދެމަފިރިންނާއި އެ މީހުންގެ ދެ ކުދިން ތިބީ ހެލިކޮޕްޓަރުގަ އެވެ. އެއީ ޖަރުމަނުގެ ކުންފުންޏެއްގެ ހެލިކޮޕްޓަރެކެވެ. ހެލިކޮޕްޓަރު ދުއްވީ އިޓަލީގެ ޕައިލެޓެކެވެ. ކުޑަ މަތިންދާ ބޯޓުގައި އިނީ ސްޕޭނުގެ ވެލެންސިއާ އަށް ނިސްބަތްވާ މީހަކާއި އޭނާގެ ރަހުމަތްތެރިއެކެވެ.
ދެ އުޅަނދު ވައިގެ ތެރޭގައި ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ. ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ ކުންފުނިން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ. ސްޕޭނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.