ފްލައިޓަށް ވިހޭ ކުއްޖާ އަށް މުޅި އުމުރަށް ހިލޭ ޓިކެޓް
ފްލައިޓަށް ވިހޭ ކުއްޖާ އަށް މުޅި އުމުރަށް ހިލޭ ޓިކެޓް

ޓްރިޕޮލީ (ސެޕްޓެމްބަރު 19) - ލީބިއާގެ އެއާލައިނެއް ކަމަށްވާ ބުރާގު އެއާގެ މަތިންދާ ބޯޓެއްގެ ދަތުރު މަތީގައި ވިހޭ ކުއްޖާގެ މުޅި އުމުރަށް ހިލޭ ޓިކެޓް ދޭން އެއާލައިނުން ނިންމައިފި އެވެ.

ބުރާގު އެއާގެ މުވައްޒަފެއް ކަމަށްވާ އާމިރު އަބޫ ސިން ސީއެންއެން އަށް ބުނީ ތުއްތު ކުއްޖާ ވިހެއީ ލީބިއާގެ ވެރިރަށް ޓްރިޕޮލީން ނައިޖަރުގެ ވެރިރަށް ނިއާމޭ އަށް މިދިޔަ ހަފުތާގައި ކުރި ދަތުރެއްގައި ކަމަށެވެ. ވިހޭ ކުއްޖާ އަށް ހިލޭ ދަތުރު ކުރެވޭ ގޮތް ހެދިކަން އިއުލާން ކުރީ އެއާލައިނުގެ ފޭސްބުކް ޕޭޖުގަ އެވެ.

ބުރާގު އެއާ އިން ލީބިއާގެ އެތެރޭގަ އާއި ޔޫރަޕާއި ނޯތު އެފްރިކާ އަދި މެދުއިރުމައްޗަށް ދަތުރުތައް ކުރެ އެވެ.

ފްލައިޓް ތެރޭގައި ކުއްޖާ ވިއްސުމުގައި ވަނީ ކެބިން ކްރޫންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފަ އެވެ. ކުއްޖާގެ މަންމަ މި ކުއްޖާ އަށް ނަންދީފައި ވަނީ އެ ފްލައިޓުގެ ކެޕްޓަނުގެ ނަމާ ގުޅުވައިގެން އަބްދުލް ބާސިތުގެ ނަމެވެ.

ފްލައިޓްތަކުގައި ވިހެއުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް މިދިޔަ މަހު ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިފަ އެވެ. ދުބާއީން ފިލިޕީންސްގެ ވެރިރަށް މެނީލާ އަށް އޮގަސްޓް 14 ވަނަ ދުވަހު ދަތުރު ކުރި ޗީބޫ ޕެސިފިކުގެ ބޯޓެއްގެ ތެރެއަށް ވެސް ވަނީ ކުއްޖަކު ވިހައިފަ އެވެ. މި ކުއްޖާ އަށް އެއާލައިނުން ވަނީ އެއް މިލިއަން މޭލަށް ހިލޭ ދަތުރު ކުރުމުގެ ހަދިޔާއެއް ދީފަ އެވެ. މިއީ އެ އެއާލައިނުގެ ފްލައިޓެއްގައި ކުއްޖަކު ވިހޭ ފުރަތަމަ ފަހަރެވެ