28 އޯގަސްޓް 2019 - 09:19

މިލާން (އޮގަސްޓް 28) - މެންޗެސްޓާ ޔުނައިޓެޑުގެ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ސަންޗޭޒް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވި ނަމަވެސް އެ ޓީމުގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އިންޓަ އިން ސަންޗޭޒް ލޯނަކަށް ގެންދަން އެއްބަސްވެފައިވީ ނަމަވެސް އެ ކޮންޓްރެކްޓް ހަމަވުމުން ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރަން ބޭނުންވާ ކަމަށް ހިމަނާފައިނުވެ އެވެ. އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ޓްރާންސްފާ މާކެޓް ބަންދުވާއިރު، އޭގެ ކުރިން ސަންޗޭޒްގެ ޑީލް ނިންމަން އިންޓަ އިން ބޭނުންވެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒްގެ ޓްރާންސްފާ ކަންތައްތަކުގައި އަދި އެއްބަސްވުމަކަށް ނާދެވި އޮތީ އޭނާގެ މުސާރައާ މެދު އަމަލުކުރާނެ ގޮތަކާ މެދު އެވެ.. ސަންޗޭޒަށް ޔުނައިޓެޑުން ދެމުން އަންނަނީ ހަފްތާ އަކު ބޯނަހާ އެކު 500،000 ޕައުންޑް (627،000 ޑޮލަރު)ގެ މުސާރަ އެކެވެ. އިންޓަ އިން ބޭނުންވަނީ ސަންޗޭޒްގެ މުސާރަ އަށް އެ ކްލަބުން 150،000 ޕައުންޑް (184،000 ޑޮލަރު) ދިނުމަށް ފަހު މުސާރައިގެ ބާކީ ބައި ޔުނައިޓެޑުން ހަމަޖައްސައިދޭށެވެ. އެކަމަކު ޔުނައިޓެޑުން އަދި މި ކަމުގައި އަމަލުކުރާނެ ގޮތެއް ނުނިންމަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިންޓަ އިން ވަނީ ޔުނައިޓެޑްގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގެންގޮސްފަ އެވެ. އުމުރުން 26 އަހަރުގެ ލުކާކޫ އިންޓައާ ގުޅުނީ 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ.
އާސެނަލް ދޫކޮށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މި ވޭތުވެދިޔަ 19 މަސް ދުވަހުގެ ތެރޭގައި އެ ޓީމަށް ކުޅެދިން 45 މެޗުން ސަންޗޭޒަށް ކާމިޔާބު ކުރެވުނީ ފަސް ގޯލެވެ. މިދިޔަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޗޭޒް ޖެހީ އެންމެ ގޯލެކެވެ.
ލުކާކޫ އާއި ސަންޗޭޒް ކްލަބް ދޫކޮށްލުމުން ޔުނައިޓެޑްގެ އެޓޭކުގައި އަނެއްކާ ވެސް ކުޅުންތެރިން މަދުވާނެ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ސަންޗޭޒަށް އަލުން ފުރުސަތު ދޭން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު ސަންޗޭޒް ކްލަބް ބަދަލުކުރަން އެދިއްޖެނަމަ އެ ފުރުސަތު ދޭނެ ކަމަށާއި އެއީ މި ސީޒަނަށް ކަނޑައެޅި ޕްލޭނުގައި ޒުވާން ފޯވާޑް މޭސަން ގްރީންވުޑަށް ގިނަ މެޗުތަކަކުން ޖާގަދޭން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ.
ޗިލީގެ ކޮބްރެއޯލާ އިން ކެރިއަރު ފަށައި ސަންޗޭޒް ޔޫރަޕްގައި އެންމެ ފުރަތަމަ ކުޅުނީ އިޓަލީގެ އުދިނޭޒީ އަށެވެ. ސަންޗޭޒްގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ ބާސެލޯނާ އާއި އާސެނަލްގަ އެވެ. ސަންޗޭޒް ވަނީ ބާސެލޯނާގައި ހަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި އާސެނަލަށް އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްދޭން އެހީތެރިވެދިނެވެ.