02 ސެޕްޓެމްބަރ 2019 - 14:47

ޕާތު (ސެޕްޓެމްބަރު 2) - މަތިންދާ ބޯޓު ދަސްކުރުމުގެ ދަތުރެއްގައި ފުރަތަމަ ފަހަރަށް އުދުހުނު އޮސްޓްރޭލިއާގެ ޓްރޭނީ ޕައިލެޓުގެ އިންސްޓްރަކްޓާ ކުއްލި ގޮތަކަށް ބޯޓު ތެރޭގައި ހޭނެތުމުން، ދަސްކުރާ ދަރިވަރު ރައްކާތެރިކަމާ އެކު ބޯޓު ޖައްސައިފި އެވެ.
ވެސްޓަން އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހެއް ކަމަށްވާ މެކްސް ސިލްވެސްޓާ އެއާ ޓްރެފިކް ކޮންޓްރޯލަށް ޑިސްޓްރެސް ކޯލް ދިނީ އޭނާގެ ޓީޗަރު ހޭނެތިގެން ވެއްޓުމާ އެކު އެވެ. އޭރު ބޯޓު އުދުހޭތާ ގަޑިއެއްހާ އިރު ވެއްޖެ އެވެ.
ޕާތުގެ އެއާޕޯޓުގެ އޮޕަރޭޓަރުން ވަނީ ދަރިވަރަށް އިރުޝާދު ދީ ބޯޓު ޖައްސަންވީ ގޮތް ކިޔައިދީފަ އެވެ. ސިލްވެސްޓާގެ ކުޅަދަނާ ކަމަށް އޭނާ އަށް ފަހުން ވަނީ ތައުރީފްކޮށްފަ އެވެ.
ބޯޓު ދަތުރުކުރަންވީ ގޮތުގެ އިންސްޓްރަކްޝަން ލިބުމުގެ ކުރިން ސިލްވެސްޓާ ވަނީ ޓީޗަރަށްވީ ގޮތް ޓަވަރަށް ކިޔައިދީފަ އެވެ.
"އިންސްޓްރަކްޗާ އޮތީ އަހަރެންގެ ކޮނޑުގައި ލެނގިގެން. އަހަރެން އޭނާ ތެދުކުރެވޭތޯ މަސައްކަތް ކުރިން. އެކަމަކު ޓީޗަރު ވެއްޓުނީ،" އޮޕަރޭޓަރުންނަށް ސިލްވެސްޓާ ކިޔައިދިނެވެ.
ސެސްނާ މަތިންދާ ބޯޓު ދުއްވަން އެނގޭތޯ ސިލްވެސްޓާއާ ޓަވަރުން ސުވާލު ކުރުމުން އޭނާ ބުނީ މިއީ "ފުރަތަމަ ސެޝަން" ކަމަށެވެ.
ސިލްވެސްޓާ މީގެ ކުރިން ވަނީ މަތިންދާ ބޯޓު ދުއްވުމާ ބެހޭ ދެ ފިލާވަޅެއް ނަގައިފަ އެވެ. އެކަމަކު އެއީ މަތިންދާ ބޯޓުގައި ދަސްކުރި ފުރަތަމަ ފަހަރެވެ. އަދި މީގެ ކުރިން އެއްވެސް ފަހަރަކު އޭނާ ބޯޓެއް ޖައްސައިފައެއް ނުވެ އެވެ.
ޕާތުގެ ޖަންޑަކޮޓް އެއާޕޯޓް މަތިން އެތައް ބުރެއް އެޅުމަށް ފަހު، ބޯޓު ތިރިކުރަން ޕްރެކްޓިސް ކުރުމަށް ފަހު، އެންމެ ފަހުން ވަނީ ރަންވޭގައި ސަލާމަތުން ބޯޓު ޖައްސައިފަ އެވެ. ބޯޓު ޖެއްސިއިރު އިމަޖެންސީ ކްރޫންގެ އިތުރުން ސިލްވެސްޓާގެ އާއިލާ މީހުން ވެސް އިންތިޒާރުގައި އެއާޕޯޓުގައި ތިއްބެވެ.
ބޯޓު ޖެއްސުމާ އެކު އިންސްޓްރަކްޓާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު ފަހުން ރަނގަޅެވެ.
"ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބޭ. އެއީ ވަރަށް ފުރިހަމަ ލޭންޑިންއެއް،" ފްލައިޓް ސްކޫލްގެ ވެރިޔާ ޗުކް މެކްއެލްވީ ވިދާޅުވި އެވެ.
އޭނާ ވަނީ ދަރިވަރު ސިލްވެސްޓާ އާއި ޓަވަރުގައި ތިބި މީހުންނަށް ތައުރީފްކޮށްފަ އެވެ.