05 ސެޕްޓެމްބަރ 2019 - 13:03

ވޮޝިންޓަން (ސެޕްޓެމްބަރު 5) - އީރާނުގެ ތެޔޮ ހުރި ޓޭންކަރަށް އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް މިލިއަން ޑޮލަރު ހުށަހަޅާފައިވާކަން ސްޓޭޓް ޑިޕާޓްމަންޓުން ޔަގީންކޮށްދީފި އެވެ.
ޑިޕާޓްމަންޓުގެ އީރާން އެކްޝަން ގްރޫޕުގެ ވެރިޔާ ބްރިއަން ހޫކް ވިދާޅުވީ ޓޭންކަރު އެޑްރިއަން ޑަރިއާ 1 ގެ ކެޕްޓަން އަކިލޭޝް ކުމާރަށް އޭނާ ވަނީ އީމެއިލެއް ފޮނުވައި އެމެރިކާ އިން ބޭނުންވާ ތަނަކަށް ޓޭންކަރު ގެންގޮސް ދިނުމަށް އެދިފަ އެވެ. އަދި އޭގެ ބަދަލުގައި އޭނާ އަށް އެތައް މިލިއަން ޑޮލަރެއް ވަނީ ހުށަހަޅައިފަ އެވެ.
ގްރޭސް 1 ގެ ނަމުގައި ދަތުރުކުރި ޓޭންކަރު ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމުގެ ގެރެންޓީ އީރާނުން ދިނުމުން ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ނިންމުމުން ވެސް އެމެރިކާ އިން ވަނީ އެ ޓޭންކަރު ހިފެހެއްޓޭތޯ މަސައްކަތްކޮށްފަ އެވެ. ޓޭންކަރު އޮގަސްޓް 15 ވަނަ ދުވަހު ޖިބްރޯލްޓާ އިން ފުރީ ނަން ބަދަލުކޮށް އެޑްރިއަން ޑަރިއާ 1 ގެ ނަމުގަ އެވެ. އެމެރިކާ އިން ފަހުން ވަނީ އެ ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އީމެއިލް އަށް ޓޭންކަރުގެ ކެޕްޓަން އިޖާބަ ނުދިނުމުން އެމެރިކާ އިން ދެން ވަނީ ކެޕްޓަނާ ދެކޮޅަށް ފިޔަވަޅު އަޅައި ޓޭންކަރު ބްލެކްލިސްޓް ކޮށްފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އިން ރިޝްވަތު ދޭން އުޅުނު ކަމަށް ވިދާޅުވެފަ އެވެ.
އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ.