11 ސެޕްޓެމްބަރ 2019 - 23:32

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މަދުވެގެން 150 މީހުން ރަޖިސްޓްރީ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ 150 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކުރަން ހުށަހަޅައިފި ނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެއީ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން، 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާފައިވަނީ ސްރީލަންކާ އަދި އިންޑިއާގަ އެވެ.
ޖަލުގައި ވޯޓު ފޮށި ބެހެއްޓުމަށް މީގެ ކުރިން ވަކި އަދަދެއް ނޯވެ އެވެ. ނަމަވެސް މިފަހަރު ވޯޓުފޮށި ބަހައްޓާނީ ވޯޓުލާން މަދުވެގެން 25 މީހުން ރަޖިސްޓްރީކުރާ ތަންތަނުގަ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ވެސް މިފަހަރު ފަސޭހަ ބަދަލެއް ގެނެސްފައިވާނެ އެވެ. މީގެ ކުރިން ވޯޓުފޮށި ބަހައްޓާފައިވަނީ ރިސޯޓުތަކުން ބޭނުންވެއްޖެ ނަމަ އެވެ. އެކަމަކު މިފަހަރު މަދުވެގެން 50 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފި ރިސޯޓްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބުގައި ވޯޓު ލާނީ ފޮއްޓަކަށް އެންމެ ގިނަވެގެން 700 މީހުންނެވެ. އަދި އެ އިންތިޚާބަށް 65-70 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.