އަސަރު ގަދަ ޚުތުބާއެއް: ގިޔާމަތް ދުވަހުގެ ބިރުވެރިކަން!
އަސަރު ގަދަ ޚުތުބާއެއް: ގިޔާމަތް ދުވަހުގެ ބިރުވެރިކަން!

މާތް ﷲ ދެއްވި ކުޑަ އިލްމުވެރިކަމަކުން ހޯދި މާއްދީ ތަރައްގީގެ ތެރޭގައި ރޫހާނިއްޔަތު ފުނޑުފުނޑުވެފައިވާ ކަމުގެ އިހުސާސް ވެސް ނުކުރެވޭ ހާލަތަކަށް އިންސާނުން ވެއްޓުމަކީ ހިތާމައެއް ކަމަށް ސިފަކޮށް، މިއަދުގެ ހުކުރު ޚުތުބާ އިން، ގިޔާމަތް ދުވަހުގެ މަތިން ހަނދާން އާކޮށްދީފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ކީ އަސަރު ގަދަ މި ޚުތުބާގައި ބުނެފައިވާ ގޮތުގައި، މާއްދީ ތަރައްގީގައި އިންސާނާ މަސައްކަތްކުރަނީ "އޭނާގެ ސުވަރުގެ މި ދުނިޔެ މަތީގައި ބިނާކުރެވޭތޯ" އެވެ.

އެކަމަކު އެއީ ﷲގެ ކުޑަކުޑަ އަމުރަކާ އެކު ވަގުތުން ވެއްޔާ މޮޑެވިގެން ދާ ތަރައްގީއެއް ކަމަށް ޚުތުބާގައިވެ އެވެ. ދެން ސިފަކޮށްދިނީ އޭގެ ފަހުން ވެގެންދާނެ ކަމަށް، ﷲ އާއި ރަސޫލާގެ ބަސްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.

"އޭނާ އާއި އޭނާގެ ވަށައިގެންވާ ހުރިހާ އެއްޗެއް ފަޅި ސިކުންތެއްގެ ތެރޭގައި ފަނާވެ ނެތިގެން ހިނގައިދާ ހުއްޓެވެ. އަނެއްކާވެސް އާ އަޑަކާ އެކު އޭނާ ދިރިގެން އަންނާނެ އެވެ. ނަމަވެސް އެއީ ދުނިޔޭގެ ބިމެއް ނޫނެވެ. މުޅިން އާ ބިމެކެވެ. އާދެ، އެއީ މަހުޝަރުގެ މައިދާނެވެ،" ޚުތުބާގައި ވެ އެވެ.

ޚުތުބާ ފަށަމުން ހުކުރުގެ ބައިވެރިންނަށް ހަނދާންކޮށްދިން އެއް ކަމަކީ ލިބިފައިވާ ވަގުތުގެ ތެރެއިން ބޭކާރު ގޮތުގައި ހޭދަކުރާ ވަގުތެވެ. ފަހުން ފައިދާއެއް ނެތް ކަންކަމުގައި އެ އަގުހުރި ވަގުތުތައް ހޭދަކުރަނީ ޝައިތާނާގެ ދަންތުރާގައި އޭނާ ޖައްސާފައިކަން ބުނެދިނެވެ.

އެމީހުން ތިބެނީ "ދުނިޔެވީ ލައްޒަތާއި ޝަޚުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވައިފަ އެވެ،" ޚުތުބާގައި ލިއުނެވެ.

އެކަމަކު އެހާ ހިސާބުން އިންސާނުން މާޔޫސްވެ، ގޮތް ހުސްވެގެން ނުވާނެ ކަމަށް ވެސް، ޚުތުބާގައި ބުނެދިނެވެ. އެގޮތުން ބުނީ "މި ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ، ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް އީމާންކަމުގެ ނޫރުން އަލިކުރުން" ކަމަށެވެ. އެހެންކަމުން ދުނިޔޭގެ "ދަތުރު ނިންމާލަން ޖެހޭ މަންޒިލް ކަމުގައިވާ އާޚިރަތުގެ މަތިން އާ އަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބެން" ޚުތުބާގައި ގޮވާލި އެވެ.

އިންސާނާ މަރުވުމުން ގިޔާމަތުގެ މަރުހަލާ ފެށުނީ ކަމަށް ބުނެ، އޭގެ ފަހުން ދެން އިންސާނާ ކުރިމަތިލާން ޖެހޭ ބިރުވެރިކަމުގެ ވާހަކަތައް، ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ހަދީސްތަކުން، މި ޚުތުބާގައި ވަނީ ބުނެދީފަ އެވެ. އެގޮތުން ކަށްވަޅުގައި އޮންނަ އިރު އިހުސާސްކުރަން ޖެހޭ އެކަނިވެރިކަމުގައި އޭނާގެ ނުބައި އަމަލްތައް ބިރުވެރި ސިފާގައި ބައްދަލުކުރާނެ ކަމަށް ޚުތުބާގައިވެ އެވެ.

"ޤިޔާމަތްވުމާ ހަމައަށް އެމީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގަ އެވެ،" ޚުތުބާ ކުރިއަށް ދިޔަ އެވެ.

"އެއާ ޚިލާފަށް [ދުނިޔޭގައި] ހެޔޮ އަމަލް ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެ"ވެ.

ގިޔާމަތް ދުވަހުގެ ބިރުވެރިކަމުގައި ހަމައެކަނި ވިސްނޭނީ ތިމާގެ އަމިއްލަ ނަފުސާ މެދު ކަމަށް، އިސްލާމް ދީނުގައި އޮތް އޮތުން ޚުތުބާގައި ސިފަކޮށްދޭން މާތް ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން އައިޝަތުގެފާނުގެ ހަޔާތްޕުޅުގައި ދިމާވި ހާދިސާއެއް ގެނެސްދިނެވެ.

އައިޝަތުގެފާނުގެ އަރިހުގައި އަވަހާރަފުޅުގައި އޮންނަވަނިކޮށް ރަސޫލާއަށް ހޭފުޅުލެއްވުނީ، އަނބިކަނބަލުންގެ ދެ ލޯފުޅުން އޮއްސެވި ކަރުނަފޮދުތައް، އެކަލޭގެފާނުގެ ކޯތާފަތްޕުޅުގެ މައްޗަށް އޮހޮރުމުންނެވެ. އަނބިކަނބަލުން ކީރިތިކުރައްވާ ސަބަބާ މެދު ސުވާލު ކުރެއްވުމުން އެކަމަނާ އެއްސެވީ ގިޔާމަތް ދުވަހު "ކަލޭގެފާނުގެ އަނބިދަރީންގެ މަތިން ހަނދުމަފުޅު ހުންނާނެތޯ" އެވެ.

ޚުތުބާގައި ލިއެފައިވާ ގޮތުގައި އެ ސުވާލުން ކީރިތި ރަސޫލާގެ ލޯފުޅުން ވެސް ކަރުނަފޮދު ފޭބި އެވެ. ދެން ޤިޔާމް ދުވަހު، އިންސާނާގެ ހާލަތު ކިޔައިދެއްވި އެވެ.

"ﷲ ގަންދީ ބުނަމެވެ. ތިން މަގާމެއްގައި އެކަކު ވެސް އެމީހާގެ އަމިއްލަ ނަފުސު ފިޔަވައި، އެހެން އެއްވެސް ބައެއްގެ މަތިން ހަނދުމައެއް ނުހުންނާނެ އެވެ. އެތިން މަގާމަކީ، ސިރާތު މަގު ހުރަސްކުރާ ހިނދުގައްޔާއި އަޅުތަކުންގެ އަމަލްތައް މީޒާނުން ކިރޭ ހިނދުގައްޔާއި އަމަލްތަކުގެ ފަތްތައް ދެވޭ ހިނދުގަ އެވެ."

މިއަދު އިމާމުގެ ހުކުރު ކުރެއްވި ބައެއް ބޭފުޅުންނަށް ކުރި އަސަރާ އެކު ޚުތުބާ ކުރިއަށް ގެންދަވަން އުނދަގޫ ވެސް ވި އެވެ.