އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

"މީ އަހަރުމެންގެ ފޭރާން،" އަންހެންމީހާ ބުންޏެވެ. "އަހަރުމެންގެ މަސައްކަތަކީ ފޭރާން ވިޔުން."

އަހަންނާ ދިމާއަށް އޭނަ ފޮތިގަނޑެއް ދިއްކޮށްލިއެވެ. ފަށުއިފޭރާމާ ވައްތަރު ގޮތެއް ހުއްޓެވެ. ވަރަށް އޮމާންވެފައި މަޑެވެ. ހުދުވެފައި ލުޔެވެ. އޭގައި ވެސް، ރިހިކުލައިން ވިދާ ފަށްތަކެއް ހުއްޓެވެ. އެ ޢިމާރާތުގެ ތެރެއަށް އަހަރެން ވަނީމެވެ. ތަނަވަސް ތަނެކެވެ. އެ ތަނުގެ ވަށައިގެން ހުރީ، މަހުމާޖެހި ބޮޑެތި ގޮނޑިތަކެކެވެ. ގޮނޑިތަކާއި، އޭގެ މަތީގައި ހުރި ބާލީސްތައް ވެސް ހުރީ ހުދުކުލައިގައެވެ. ހުދުކަމުން ގޮސް ދިއްލިފައިވާ ކަހަލައެވެ. މެދުގައި ރިހިން އަތްކަން އަޅައިފައިވާ، ބިއްލޫރި މޭޒެއް ހުއްޓެވެ. މޭޒުމަތީގައި މޭވާ ޓުކުރިއެއް ހުއްޓެވެ. ހުރި ކުލައިން އެއީ މޭވާކަން އެނގުނަސް، އެ ކަހަލަ މޭވާއެއް އަހަރެން ކުރިން ނުދެކެމެވެ. ކުރިއަށް ހިނގައިފައި ދަނިކޮށް ދެން ފެނުނީ ދޮރެކެވެ. އެ ދޮރު މަޑުމަޑުން ހުޅުވުނެވެ. ވަރަށް ބޮޑު ބަގީޗާއެއް ފެންނަން އޮތެވެ. އެ ބަގީޗާ ނިމޭ ހިސާބެއް ނުފެނެއެވެ. ގަސްތަކުގައި މާތަކާއި މޭވާތައް އަޅައި ފުރިފައި އޮތެވެ. ބިންނާނެ މީހަކު ނެތެވެ. ތަނަށް ފެތުރިފައިވާ މީރުވަހުން ބަނޑު ފުރިއަރައިފާނެ ކަހަލައެވެ.

"މީ ކުޑަދުވަސްކޮޅެއް ތެރޭގަ އަހަރުމެންނަށް ﷲ ދެއްވި ނިޢުމަތް،" އަހަންނަށް ދެއްކުމަށްޓަކައި ބަގީޗާތެރޭގައި ހިނގަމުން އިސްމާއިލް ބުންޏެވެ. "އެކަމަކު މި ދޫކޮށްލާފަ އިންސާނުން އެ އުޅެނީ ދުނިޔެއާ ހެދި. ދުނިޔޭގެ އުފާތައް ހޯދަން އެކަކުއަނެކަކަށް ސިހުރު އެބަ ހަދާ. އަހަރެން ކުރިން ބޭނުންވި އިންސާނުންގެ ހިތުގަ ސިހުރަށް ލޯބިޖައްސަން. އޭގެ ސަބަބުން ނުބައި ކަންތަކަށް އިންސާނުން ދެވިހިފާތީ. ސިހުރު ދަސްކޮށްގެން ﷲ އަށް އިންސާނާ ގޮންޖަހާނެ. އޭގެ ބަދަލުގަ އިންސާނާ ބޭނުންވާ ކޮންމެ ކަމެއް ވެސް ކޮށްދޭން އަހަރުމެން ވަޢުދުވަން. ވަގުތީ އުފަލެއްގެ ދަޅަދައްކައިގެން އަހަރުމެން ބޭނުންވާ ކަންކަން ކުރުވަން. އަރާމު ލިބޭކަމެއްކަމަށް ދައްކައިގެން މަސްތުގެ އަވައިގަ ވެސް ޖައްސަން. ވަރިހަމަ އެ އިން ކޮންމެ ގެއްލުމެއް ލިބުނަސް. އިންސާނާގެ ލޯމައްޗަށް އެ ގެއްލުމެއް ނުފެންނާނެ. މަސްތުވާ ޒުވާނުން ވަރަށް ސަޅި ޓްރިޕެއްދާ ވާހަކަ ވަރަށް ގިނައިން ދައްކާނެ. އެ ޓްރިޕަކީ އަހަރުމެން ދައްކާ އަވާމެންދުރެއް. އެ ހުނަރު ޖިންނިޝައިތާނުންނަށް ވަނީ ދެއްވާފަ. އެ ޓްރިޕް އިންސާނުންގެ ލޯމައްޗަށް ދެއްކޭލެއް ސަޅިވާ ވަރަކަށް އިންސާނާ ބޮޑަށް މަސްތުވާން ބޭނުންވާނެ. އެންމެ ފުރަތަމަ ފަހަރު އަހަރުމެން ވަރަށް ސަޅި ޓްރިޕެއް އިންސާނާގެ ލޯމައްޗަށް ދައްކަން. މަސްތުގަ ޖެހުމުން ފެންނަހެން ހީވާ އެ ޓްރިޕް އިސާހިތަކު ގެއްލޭނެ. އޭރު ހުންނާނީ އެ ޓްރިޕަށް ދެވިހިފައިފަ. ދެވަނަ ފަހަރަށް ވެސް އެ ޓްރިޕް ދެކިލަން ބޭނުންވާނެ. ދެން ޖެހޭނީ މަސްތުވާން ބޭނުންކުރާ މިންވަރު މަތިކުރަން. މަރުވެގެންދަނީ މަސްތުން ސަލާމަތް ނުވެވި. އަހަރުމެންގެ ލަނޑުދަނޑިއަކީ، އަވަހަށް މަރާލުމެއް ނޫން. ނުބައިކަމުގަ ވީހާ ވެސް ގިނަ ދުވަހަކު ދުނިޔޭގަ އެ މީހަކު ބެހެއްޓުން. އެހެން ނޫން ނަމަ އެއް ފަހަރަކުން ވެސް އިންސާނާ މަރާލެވިދާނެ."

ވާހަކަ އެ ހިސާބަށް ދިޔައިރު އަހަރުމެންނަށް ތިބެވުނީ ވަރަށް ބޮޑު ފެންގަނޑެއް ކައިރީގައެވެ. ފެންގަނޑު ސާފުކަމުން އެންމެ އަޑި ވެސް ފެނެއެވެ. ރެހިހެން ހީވާ ނޫކުލައިގެ ކުދިކުދި މަސްތަކަކާއި، އަހަރެންގެ އަތްތިލައިގެ ދިގުމިން ހުރި، ހުދު ފޮތިކޮޅުތަކެއް ކަހަލަ އެއްޗެހިތަކެއް ވެސް އުޅުނެވެ. ފެންފޯއްދޫންޏާ ވައްތަރު ގޮތެއް ހުރި، ދެ އިންޗިއެއްހާ ކުދި، ވަރަށް ހަލުވި، ހުދުކުލައިގެ ދޫނިތަކެއް ފެންގަނޑަށް ތިރިކޮށްކޮށްފައި އުޅުނެވެ. ފެންގަނޑަށް ތިރިކުރާ ބައެއް ދޫނި މައްޗަކަށް ނާރައެވެ. އަޑިއަށް ދަނީކަމެއް ނުވަތަ އެހެން ސިފައަކަށް ބަދަލުވަނީކަމެއް ނޭނގެއެވެ. އަޖައިބުވާ ކަހަލަ ކިތަންމެ މަންޒަރެއް ފެނުނަސް، އިސްމާއިލް ދެއްކި ވާހަކައަށް އަހަރެން ސަމާލުކަން ދިނީމެވެ.

"މަސްތުން ސަލާމަތެއް ނުވެވޭނެތަ؟" އަހަރެން ސުވާލުކުރީމެވެ.

"ވެވޭނެ. އެކަމަކު،" އިސްމާއިލް ހަނދާންކޮށްދިނެވެ. "އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭނެ. އަޅުކަމަށް ފަރުވާތެރިވެ، އަޤީދާ ވަރުގަދަކުރަންވާނެ. އިންސާނުންގެ ލޮލަށް ޖިންނިން ފަރުދާވިޔަސް، ޖިންނީން ކިތަންމެ ކުޅަދާނަޔަސް، ﷲ ވަނީ ޖިންނީން ނިކަމެތި ކުރުމުގެ ބާރު ޤުރްއާނުގަ ލައްވައިފަ. ދިރިއުޅުމުގަ ރަނގަޅު އެކުވެރީން ޚިޔާރުކުރަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނޭ. އީމާންތެރިކަން ވަރުގަދަ މީހުންނާ އެކީގަ އުޅުމަކީ ތިމާގެ އީމާންތެރިކަން ވަރުގަދަވާ ކަމެއް. އޭގެ ސަބަބުން ޖިންނިޝައިތާނުންގެ ނުފޫޒު ތިމާއަށް ފޯރުވަން އުނދަގޫވާނެ. އަޅުކަން އަދާނުކުރާ މީހަކަށް، ފަސް ޖިންނިން ވެސް ވަސްވާސް ދީފާނެ. އެކަމަކު، އަޅުކަން ބަރާބަރަށް އަދާކުރާ ބައެއް ގާތުގަ އެ މީހާ ހުންނައިރު، ފަސް ޖިންނީންގެ ތެރެއިން ހަތަރު ޖިންނި ފިލާ ރައްކާވާނެ. ވަރަށް ވަރުގަދަ ޖިންނިއަކަށް ނޫނީ، އެ މީހާ ގާތުގަ ސާބިތުވެ ހުންނާކަށް ނުކެރޭނެ."

ދަތުރު އެ ހިސާބުން ކުރުކޮށްލައިފައި އަހަރުމެން އެނބުރި ގެއަށް އައީމެވެ. ނުވަތަ އެ ނިދިން އަހަރެން ހޭލީމެވެ.

"ފެނިއްޖެ ދޯ؟" އިސްމާއިލް ބުނި އަޑު އިވުނެވެ. "އެހެރީ އެ ނިޢުމަތުގެ މަތިވެރިކަން. އިންސާނުން ކީއްވެގެންތަ އެ މީހުންގެ ނުބައި އާދަތައް ދޫކޮށްނުލަނީ؟ ކަލޭ ވެސް ޖެހޭނެ ކަލޭގެ ހުރި ނުބައި އާދަތައް ބަދަލުކުރަން. މުޅި އުމުރު ތި ހުސްކޮށްލަނީ މަޖަލާ ކުޅިވަރުގަ. މިޔުޒިކާ ހުނުމުގަ. މި ދެއްކި ކަންތައްތަކުން ކަލޭ ޢިބުރަތް ހާސިލުކޮށްބަލަ! ރަނގަޅު މަގަށް ރުޖޫޢަވެބަލަ! އެންމެ ދެތިން ސިކުންތޭ ދުނިޔޭގަ އުޅެލަން ތި ލިބެނީ. ކޮންދިމާއަކަށް މިސްރާބުޖަހާފަ ތިހިރީ؟ ފައިސާ ހޯދަން މޮޔަވެގެން އުޅެނިކޮށް މީހާގެ އަޖަލު ތި ޖެހެނީ. މަރުވީމަ ދުނިޔޭގެ މީހުން ކަލޭމަތިން ހަނދާން ނައްތައިލާނެ. ހިފައިގެން ދެވުނު އެއްޗަކުން ނޫނީ އެއްވެސް ފައިދާއެއް ނުކުރާނެ. ލިބޭ ލާރިތައް ޚަރުދުކޮށްގެން ދަތުރަށް ރަނގަޅު ކޮއްތު ގަނެބަލަ! ޢިލްމުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގަ ހިފާބަލަ!"

އަހަންނަށް ވަރަށް ނަޞޭޙަތްދިނުމަށް ފަހު އިސްމާއިލް ދިޔައެވެ. އެ ވާހަކަތަކާ މެދު ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ. ދުނިޔެއަށް އަހަރުމެން އައީ ކީއްކުރަން ހެއްޔެވެ؟ ދުނިޔޭގައި ކުރީ ކީއްހެއްޔެވެ؟ ލިބުނު ނަތީޖާ ކޮބައިހެއްޔެވެ؟ އުމުރު ހުސްކޮށްލެވެނީ މީހުންނަށް މަލާމާތްކުރުމާއި، ނެތިމޮށުމާއި، ފައިސާގެ ދަހިވެތިކަމުގައެވެ. ކެއުމާއި، ނިދުމާއި، ކުޅިވަރުގައެވެ. ނޭނގިހުއްޓައި ދަތުރަށް އަރަންޖެހިދާނެއެވެ. ކޮއްތު ކޮބައިހެއްޔެވެ؟

ދެވަނަ ރެއަކު ވެސް ހަމަ އެ ކަހަލަ މަންޒަރުތަކެއް އަހަރެންގެ ލޮލަށް ދެއްކިއެވެ. ހޭލާހުއްޓައެވެ. ނުވަތަ ނިދީގައެވެ. އަހަންނަށް ފެންނަނީ ދުނިޔެއިން ބޭރެވެ. އިރުހަނދާއި ތަރިތަކެވެ. މަޑިކިލަނބުތަކާއި، ގުރަހަތަކެވެ. ޒުހުލާއި މުޝްތަރީއެވެ. ގުރުގުރަހަތަކާއި މާގުރަހަތަކެވެ. ގުރަހައުޅާތަކާއި ދުންތަރިތަކެވެ. އަހަރެން ގާތުގައި ތިބި މީހުންނަށް ފެންނާނީ އަހަރެން ގަބުވެފައި އިން ތަނެވެ. މޮޔައިންނަކީ އެހެން ތިބޭ ބައެކެވެ. އެހެންނަމަވެސް، އަހަރެން ބަލަހައްޓައިގެން އިނީ ފާރަކަށް ނޫނެވެ.

"ކަލޭ ނިކަން ބަލައިލަބަ!" ގުރަހައަކަށް އަހަރެން ގެންގޮސްފައި އިސްމާއިލް ބުންޏެވެ. "ކަލޭމެން މި ތަންތަނަށް އައިސް ކޯޗެއް ހޯދަން ތި އުޅެނީ؟ މީ އަހަރުމެން ދަނޑުގޮވާން ކުރާ ތަން. ކަލޭމެންނަށް މި ތަނުގަ އޮތީ ހަނަފަސްކަން. ދުނިޔޭގެ އެތައްމިތަނުގަ ކަލޭމެންނަށް ދިރުން ދެއްވާފައެއްނު އޮތީ. އިންސާނުންގެ ތަނަކީ އެއީ. މި ތަނަކުން ކަލޭމެންނަކަށް އެކައްޗެއް ވެސް ނުފެންނާނެ. ދީފަ އޮތް ތަނުގަ ފިތުނަފަސާދަ އުފެއްދުން ހުއްޓައިލައިފަ ކަލޭމެން އަޅުކަމުގަ ދެމިތިބެބަލަ! ﷲ އަށް ޝުކުރުކޮށް، ރުކުޢުކޮށް، ސަޖިދަކޮށްބަލަ! ހާދަ ބަޔަކު އެބަ ހަރާންކޯރުވެއޭ."

އަހަރެން ގެންދިޔަ އެއް ގުރަހައިގައި އޮތީ ދިރޭރަހައިގެ ކަނޑެއް ކަހަލަ ތަނެކެވެ. އެ ތަނަކަށް އަހަރުމެން ނުފައިބަމެވެ.

"މީ އަހަރުމެން މައުދަންތައް ނަގާ ތަންތަން،" އިސްމާއިލް ކިޔައިދިނެވެ. "މި ތަންތަނުން ރިޒުޤު ލިބޭނީ އަހަރުމެންނަށް. އިންސާނުންނަކަށް މި ތަނަކުން ދިރުމެއް ނުފެންނާނެ. މި ތަންތަނުގަ އަތްފުނާއަޅަންހަދައިގެން ވަގުތު ބޭކާރުވުން ނޫން އެއްވެސް ކަމެއް ނުވާނެ. އިންސާނުންނަކަށް އަހަރުމެން ނުވެސް ފެންނާނެ އަހަރުމެންގެ އަޑެއް ވެސް ނީވޭނެ."

ގުރަހައުޅައެއްގެ ކައިރިން އަހަރުމެން ދިޔައީމެވެ. އެ ތަނުން އަހަންނަށް ފެނުނީ ހިލަކޮޅުތަކެކެވެ. އޭގެތެރެއިން އެއް ހިލަކޮޅުން މޫކޮޅެއް ފައިބައިފައި ހުއްޓެވެ. ހިލަކޮޅުގައި، ފެހިކުލައިގެ ވަރަށް ޅަ ކުރިއެއް ރޯވެފައި ހުއްޓެވެ. އެ ކުރީގައި ހުރީ ދެ ފަތެވެ. ފަސް ފިޔަލީ، ހުދުކުލައިގެ މަލެއް ފޮޅިފައި ހުއްޓެވެ. ހުވަނދުމަލަކާ ވައްތަރެވެ.

"ﷲ އިރާދަކުރެއްވި ކޮންމެ ތަނެއްގަ ދިރުން ލައްވާނެ،" ޔަގީންކަމާ އެކުގައި އިސްމާއިލް ބުންޏެވެ. "ކަލޭމެން އިންސާނުންނަކަށް އެ ކަމެއް ނުކުރެވޭނެ."

ދުރަށް ދަތުރުކުރި ވަރަކަށް ކުރިން ފާހަގަ ނުކުރެވޭ ކަމެއް އަހަންނަށް ފާހަގަކުރެވެން ފެށިއެވެ. ބިންމަތީގައި ހުރެފައި އަހަރެން ތަރިތަކަށް ބަލައިލާއިރު ފެންނަނީ އެތައްމިތަނުގައި ތަރިތައް ހުއްޓައެވެ. ވަކި ތަރުތީބެއް ނުވަތަ ބައްޓަމެއް ފާހަގައެއް ނުކުރެވެއެވެ. އެކަމަކު، އެ ފަހަރު ވަކި ހިސާބަކަށް މައްޗަށް އަރައިފައި، ވަކި ދިމާއަކަށް ޖެހިލުމުން ފެނުނީ ރީތި ބައްޓަންތަކެކެވެ. ކުޅަދާނަ ކުރެހުންތެރިއަކަށް ވެސް ތަރުތީބު ނުކުރުވޭނެ ކަހަލަ ފުރިހަމަ އެތުރުމެކެވެ. އިރުކޮޅަކުން ހުރިހައި އަލިކަމެއް އޮބައި ދެން ވަދެވުނީ ފުން އަނދިރިކަމެއްގެ ތެރެއަށެވެ. އެ ހިސާބުން ދެން އެކައްޗެއް ވެސް ނުފެނެއެވެ. ދުރުން ދާ ގިނަހިލައެއް މެނުވީއެވެ. ވިދާލާ ވިރުވަރެއް ފިޔަވައެވެ. މޫދުގެ ވަރަށް އަޑިއަށް ފީނުމުން ދެ ކަންފަތަށް ކުރެވޭ ކަހަލަ އިހުސާސެއް އަހަންނަށް ކުރެވެމުންދިޔައެވެ. ހީވަނީ ހަށިގަނޑު ފިތޭހެންނެވެ.

"މީގެ އެތައް ހިސާބަކަށް ދާ ފަހުން ދެން ފެންނާނީ އަދި ފުރަތަމަ އުޑު،" އިސްމާއިލް ބުންޏެވެ. "ދެން ކަލޭ ވިސްނާލަބަލަ މި ކައުނުގެ ބޮޑުމިން. ހިތަށް ނުވެސް ގެނެވޭނެ. މީ ކުޅަދުންވަންތަކަމުގެ ހެކިތައް. ކަލޭމެންގެ ތެރެއިން ހާދަ ބަޔަކު މި ކަންކަން ގަބޫލުނުކުރެއޭ. ދެން ބުނާނެ ހިތުގެ ބަލިތައް ގިނަވާ ވާހަކަ. އަޤީދާ ބަލިކަށިވާ ވަރަކަށް ހިތުގެ ބަލިތައް ގިނަވާނެ."

އިންސާނާއަށް ކެހިދިނުމަށްޓަކައި، ޖިންނީން ބޭނުންކުރާ އުކުޅުތައް ޖިންނިއެއްގެ ދުލުން އަހަންނަށް ކިޔައިދިނެވެ. އިސްމާއިލް ބުނި ގޮތުގައި، އެ ހުރިހާ ހަތިޔާރެއް އަހަންނާ ދެކޮޅަށް ޝައިތާނުން އަދި ބޭނުންކުރާނެއެވެ. އެ ދުވަހަށްޓަކައި އަހަރެން ތައްޔާރުވާން ޖެހޭނެއެވެ.

ނުނިމޭ