17 ސެޕްޓެމްބަރ 2019 - 08:21

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން މި މަހުގެ 29 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.
ޝޯގެ އާ ޕްރޮމޯއަކާ އެކު ކަލާޒުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އެ ޗެނެލުން ކުރި ޓްވީޓެއްގައި ބުނީ ޝޯގެ ފުރަތަމަ އެޕިސޯޑް މި މަހުގެ 29 ގައި ދައްކާ އިރު، އެ އެޕިސޯޑް ވަރަށް ހާއްސަވާނެ ކަމަށެވެ. އެ އެޕިސޯޑް ވާނީ މި ފަހަރު ޝޯގައި ވާދަކުރާ ބައިވެރިން ވެސް ތައާރަފުކޮށްދޭ އެޕިސޯޑަށެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަބަދުވެސް ލިބޭ "ބިގް ބޮސް" ގެ މި ފަހަރުގެ ސީޒަން ފަށާ ތާރީހު ގާތްވަމުން ދިޔަ ނަމަވެސް، ޝޯ އިން މި ފަހަރު ފެންނާނެ ސެލެބްރިޓީންނަކީ ކޮބައިކަމެއް އަދި މުޅިން ކަށަވަރެއް ނުވެ އެވެ.
އެކަމަކު ބައެއް މީޑިއާތަކުން ވަނީ މި ފަހަރުގެ ޝޯ އިން ފެންނާނެ ކަމަށް ބެލެވޭ ސެލެބްރިޓީންތަކެއްގެ ނަންތަކެއް ތިލަކޮށްފަ އެވެ.
އެ ލިސްޓްގައި ހިމެނެނީ ބޮކްސިންތެޅުންތެރިޔާ ވިޖެންދުރަ ސިންގް، ބޮލީވުޑްގެ ކޮމީޑިއަން ރާޖްޕާލް ޔާދަވް، ޓީވީ ބަތަލާ މެގްނާ މާލިކް، ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީ ބަހޫގެ ރޯލް ކުޅުނު ޑެވޮލީނާ ބަޓަޗަރްޖީ، ޓީވީ އެކްޓަރު ސިދާތު ޝުކްލާ، މޮޑެލް/ބަތަލާ މާހިކާ ޝަރުމާ، ސޮނީ ޓީީވީގެ "ސީއައިޑީ" ގައި ދަޔާގެ ރޯލް ކުޅުނު ދަޔަނަންދު ޝެޓީ، ޓީވީ ބަތަލާ ޕަވިތުރާ ޕުނިއާ އަދި ޓީވީ ބަތަލާ އާރްސީ ސިންގެވެ.
"ބިގް ބޮސް" ގެ ފޯމެޓަށް މީގެ ތިން އަހަރެއްހާ ދުވަސްކުރިން ގެނައި ބަދަލަކާ ގުޅިގެން މިއީ މިހާރު ސެލެބްރިޓިންނާ އެކު، އާންމުންގެ ތެރެއިން ވެސް ހޮވައިލެވޭ ބަޔަކަށް ފުރުސަތު ދޭ ޝޯއެކެވެ. މިއީ ތިން މަސް ދުވަަހުގެ މުއްދަތަކަށް ބައިވެރިން ގެއެއްގެ ތެރޭގައި ބައިތިއްބައިގެން އެ މީހުންގެ އަސްލު ސޫރަ އާއި މިޒާޒު ބެލުންތެރިންނަށް ގެނެސްދޭ ޝޯއެކެވެ.
ރިޕޯޓްތައް ބުނާގޮތުން މި އަހަރުގެ ޝޯ އިން ވެސް ބައެއް ކަހަލަ ބަދަލުތައް ފެންނާނެ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" ގެ ބަރު، ފިރިހެން އަޑާ އެކު މި އަހަރު އަންހެން އަޑެއް އިވިގެން ދިއުން ހިމެނެ އެވެ.
މިދިޔަ އަހަރު ގެނެސްދިން "ބިގް ބޮސް" ސީޒަން 12 ކާމިޔާބުކުރީ ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ކަހާ ހަމް، ކަހާ ތުމް" ގެ ބަތަލާ ދިޕިކާ ކައްކަރެވެ.
"ބިގް ބޮސް" އަކީ 2006 އިން ފެށިގެން ދައްކަމުން އަންނަ ޝޯއެކެވެ.