ސައުދީ އަށް ދިން ހަމަލާގައި އީރާން ބައިވެރިވާކަމުގެ ހެކި އެމެރިކާ އިން ހާމަކޮށްފި
ސައުދީ އަށް ދިން ހަމަލާގައި އީރާން ބައިވެރިވާކަމުގެ ހެކި އެމެރިކާ އިން ހާމަކޮށްފި

ވޮޝިންޓަން (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާގައި އީރާން ބައިވެރިވާކަމުގެ ސެޓެލައިޓް ފޮޓޯ އާއި އިންޓަލިޖެންސް މައުލޫމާތު އެމެރިކާ އިން ހާމަކޮށްފި އެވެ.

ސައުދީ އަރަބިއާގެ އަބްގައިގާއި ޚުވައިސްގައި ހުރި ދެ ކާރުކާޚާނާ އަށް ހޮނިހިރު ދުވަހު ދިން ޑްރޯން ހަމަލާގައި ބައިވެރިނުވާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ޑްރޯން ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތީން ވަނީ އެއްބަސްވެފަ އެވެ.

ނަން ހާމަނުކޮށް އެމެރިކާގެ ބައެއް އޮފިޝަލުން މީޑިއާތަކަށް ބުނެފައި ވަނީ ޑްރޯންތައް ދަތުރުކޮށްފައިވާ މިސްރާބަށް ބަލާއިރު އެއީ ހޫތީން ދިން ހަމަލާއެއް ނޫން ކަމަށެވެ. ނިއު ޔޯކް ޓައިމްސް އާއި އޭބީސީ އަދި ރޮއިޓާސް އަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ ހުޅަނގުންނާއި ހުޅަނގު އުތުރުން ކަމަށެވެ.

އެމެރިކާގެ އެންމެ ފަހުގެ ތުހުމަތު ދޮގުކޮށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވެފައި ވަނީ އެމެރިކާ އިން ދޭން އުޅުނު ޕްރެޝަރު ފެއިލްވުމުން ދެން އުޅުނީ އެންމެ ބޮޑު މަކަރު ހަދަން ކަމަށެވެ.

ޑްރޯން ހަމަލާތަކަކަށް ފަހު، ސައުދީން ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ނުދާ ވަރަށް، ތެލުގެ އަގު ވަނީ މައްޗަށް ޖެހިފަ އެވެ.