17 ސެޕްޓެމްބަރ 2019 - 14:33

ކޮލަމްބޯ (ސެޕްޓެމްބަރު 17) - ސްރީ ލަންކާ ތަރައްގީ ކުރަން ޑިކްޓޭޓަރެއް ބޭނުން ނުވާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ޓެމްޕަލް ޓްރީސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރަނިލް ވިދާޅުވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެތި ވެސް ގައުމަށް ކުރިއެރުން ލިބިފައިވާ މަންޒަރު ފެނިފައިވާ ކަމަށެވެ.
"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގައުމު ތަރައްގީ ކުރެވޭނީ ޑިކްޓޭޓަރުންނަށް ކަމަށް. އެކަމަކު މިހާރުގެ ސަރުކާރުން ވަނީ ޑިމޮކްރެސީ އެކު ގައުމު ވެސް ތަރައްގީކޮށްދީފައި،" ރަނިލް ވިދާޅުވި އެވެ. "މި ސަރުކާރަށް ވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތެއް ނެތް. އެކަމަކު ރައްޔިތުންނަށް އެތައް ކަމެއް ކޮށްދީފި."
ރަނިލް ވިދާޅުވީ 2015 ވަނަ އަހަރުގެ ކުރިން ސްރީ ލަންކާގައި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމެއް ނެތް ކަމަށެވެ.
"އެކަމަކު މިއަދު ވެސް ޓީވީ ހުޅުވާލައިފި ނަމަ ފެނިވަޑައިިގަންނަވާނެ އެންމެ ގިނައިން ފާޑު ކިޔުން އަމާޒުވާ މީހަކީ އަޅުގަނޑުކަން،" ރަނިލް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެރިކަމަށް އައި އިރު ލަންކާގައި ވަރުގަދަ ޑިމޮކްރެސީއެއް ނެތް."
ލަންކާގެ ސިޔާސީ ޕާޓީތަކުން ދަނީ މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.