ސުޕްރީމް ކޯޓަށް އައްޔަންކުރަން ފޮނުއްވާނެ ނަމެއް ކަނޑައަޅުއްވާނީ ރައީސް: ޖޭއެސްސީ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފޮނުއްވާނެ ނަމެއް ކަނޑައަޅުއްވާނީ ރައީސް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހަށް ފޮނުއްވާނެ ނަމެއް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.

ޖޭއެސްސީން މިއަދު ރައީސަށް ލަފާ އަރުވަން ނިންމީ، ރައީސް ހުށަހެޅުއްވި، ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދަކީ "ހައިލީ ރެކޮމެންޑެޑް" ދެ ބޭފުޅުން ކަމަށެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ވެސް ކުރި އަށް އޮތީ ދިޔާނާގެ ނަންފުޅެވެ. ޖޭއެސްސީން ފަހުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ވަކި ތަރުތީބަކުން އޮތް ނަންތަނެއް ނޫން ކަމަށެވެ.

"ނަންފުޅުތައް އިސްފަސްކޮށްފައި ވަނީ ވަކި ނަމެއް ތަރުތީބު ކުރުމުގެ ގޮތުން އިސްކުރުމުގެ ގޮތުން ނޫން ކަމުގައި ދަންނަވަމެވެ. އެހެނީ، އިސްވެ ދެންނެވުނު ދެ ނަންފުޅަކީ ވަކި ބޭފުޅަކު އިސްކުރުމެއް ނެތި އެއް ހަމައެއްގައި ދަރަޖަކޮށްފައިވާ ދެ ބޭފުޅުންނެވެ،" ޖޭއެސްސީން ނެރުނު ނިއުސް ބްރީފިންގައިވެ އެވެ.

އޭގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ވަކި އަދަދަކަށް ނަން ފޮނުވުމަކަށް ވެސް މި ކޮމިޝަނުން ރައީސުލް ޖުމްހޫރިއްޔާ އަށް މަޝްވަރާ ދީފައި ނުވާނެ ކަމަށެވެ. އަދި މި މަޝްވަރާ އަށް ރިއާޔަތްކުރައްވައި ފޮނުއްވާނެ ނަމަކާއި ފޮނުއްވާނެ ނަންތަކެއްގެ އަދަދު ކަނޑައެޅުއްވުމުގެ އިހްތިޔާރު ރައީސަށް އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ވެސް ވަނީ ލަފާ ދީފައިވެ އެވެ. މި ބޭފުޅުންގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.