18 ސެޕްޓެމްބަރ 2019 - 20:24

ބަންގްލަދޭޝް އިން ރާއްޖެ އައި ފިރިހެނެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިފި ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ވައިގެ މަގުން ރާއްޖެ އައި އުމުރުން 36 އަހަރުގެ އެ ފިރިހެން މީހާގެ ލަގެޖުގައި ހުރީ ކެނަބިސް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އިއްޔެ ރާއްޖެ އައި އެ މީހާގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އެނގުނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން، ބަލާ ފާސްކުރުމުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައި ގަނެވުނު މަސްތުވާތަކެތީގެ އަގު 2.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.
މި އަހަރުގެ މިހާތަނަށް 28.49 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.