19 ސެޕްޓެމްބަރ 2019 - 09:22

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އާއި ށ. ފޯކައިދޫ ވާދަކުރާއިރު ދެ ޓީމު އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް އަމާޒުހިފާނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދާއި ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ފޯކައިދޫ ލީގުގެ ހަ ވަނައިގައި އޮތްއިރު، ނިލަންދޫ އެންމެ ފުލުގައި އޮތީ ކުޅުނު ހަ މެޗުން ޕޮއިންޓެއް ވެސް ނުލިބި އެވެ.
މި ފަހަރުގެ ސީޒަން އެންމެ ކުރިން ފެށި އެއް ޓީމަކީ ފޯކައިދޫ އެވެ. ޗެރިޓީ ޝީލްޑް މެޗާ އެކު އެ ޓީމުން ކުރި ސީޒަނަށް ތައްޔާރުވާން ފެށިއިރު މާލީ ގޮތުން ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގިނަ އެހެން ޓީމުތަކަށް ވެސް އެ މައްސަލަ ހުރިއިރު، ފޯކައިދޫގެ ކޯޗު ނިސްތާރު ބުނީ އެ ޓީމަށް އެ މައްސަލައިގައި ވަރަށް ގިނަ ދުވަހު ހިފަހައްޓާލެވިއްޖެ ކަމަށެވެ.
"ވަރަށް އުއްމީދު އެބައޮތް މި މެޗު ނިންމާފައި އޮތް ޓީސީ މެޗަށް ހައްލެއް ލިބޭނެ ކަމަށް. އެހެންވީމަ އެ އުއްމީދުގައި މި ތިބީ،" ކުރިން އއ. މާޅޮހަށް ޕްރިމިއާ ލީގުގައި އިރުޝާދުދިން ނިސްތާރު ބުންޏެވެ. "ޓީމަށް ބަލާއިރު ވަރަށް ރަނގަޅު ކުދިންކޮޅެއް މި ތިބީ. އިރާދަކުރެއްވިއްޔާ މި މެޗު ނަގަން ކުޅުންތެރިން ތިބީ،"
ފޯކައިދޫ އަށް ދިމާވެފައިވާ މާލީ މައްސަލަތަކުން ހައްލެއް ހޯދަން އެ ޓިމުން ވަނީ އެފްއޭއެމްއާ ބައްދަލުކޮށްފަ އެވެ.
ނިސްތާރު ބުނީ މިހާރު އޮތް ހާލަތުގައި ކުރިއަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި މިއީ އޭނާ އަށް އާ ތަޖުރިބާ އަކަށްވީއިރު ވަރަށް ޕޮޒިޓިވްކޮށް ގެންދެވޭތޯ މަސައްކަތްކުރާ ކަމަށެވެ.
ފޯކައިދޫން މި މެޗަށް ނުކުންނައިރު، އެ ޓީމުގެ އެއް ފޯވާށް ހަސަން ނަޒީމް (ޗޯޓު) ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު އެވެ. ނިސްތާރު ބުނީ ޗޯޓު ނެތްތަން ދެއްކިޔަސް އެއީ މާ ބޮޑު ކަމަކަށް ނުބަލައި ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ.
މި ފަހަރުގެ ސީޒަނަށް އެންމެ އުނދަގޫ ފައްތަރެއްގައި އޮވެ ނުކުތް ޓީމަކީ ނިލަންދޫ އެވެ. އެންމެ ފަހު ވަގުތު ކްލަބް ލައިސަންސް ކަންތައް ހަމަޖެހި ނިލަންދޫ މުބާރާތަށް ނުކުތްއިރު، އެ ޓީމަށް އޮތް މައްސަލަ އަކީ ކުޅުންތެރިން ހަމަކޮށް ރަނގަޅު ޕްރެކްޓިސްތަކެއް ނުކުރެވުމުގެ މައްސަލަ އެވެ. ނިލަންދޫގެ ކޯޗު ފެސްކޯ ބުނީ އަދިވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ.
ފެސްކޯ ބުނީ ލީގުގައި އޮތް ގިނަ ޓީމުތަކާ އަޅާބަލާއިރު، ނިލަންދޫގެ މާލީ ހާލަތު ރަނގަޅު ކަމަށާއި އޭނާ އެދުނު ގޮތަށް ބިދޭސީ ކުޅުންތެރިންގެ ކަންތައްތައް ފުރިހަމަކޮށްދެމުން އަންނަ ކަމަށެވެ. އެކަން އެހާ ރަނގަޅަށް ދާއިރު ޕްރެކްޓިހުގައި މި ދިމާވާ މައްސަލަތައް ރަނގަޅުވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ނިލަންދޫ އިން ވަނީ ނިއު އަށް ކުރިން ކުޅުނު ޑިފެންޑަރު ކިންގްސްލީގެ އިތުރުން ޖަޕާންގެ މިޑްފީލްޑަރަކާއި މިދިޔަ އަހަރު ނިލަންދޫ އަށް ކުޅުނު ފޯވާޑް ލޫކަސް ގެނެސްފަ އެވެ. ފެސްކޯ ބުނީ ބިދޭސީ ތިން ކުޅުންތެރިންނާ އެކު ކޮންމެވެސް ވަރަކަށް ޕްރެކްޓިސްތަކެއް ކުރެވިއްޖެ ކަމަށާއި ފޯކައިދޫއާ ދެކޮޅަށް ނުކުންނާނީ އެއީ ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމެއްކަން ދަނެގެން ކަމަށެވެ.
"(ފޯކައިދޫ އަކީ) ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމެއްގެ ގޮތުގައި މައުލޫމާތު ލިބެނީ. އަދި ޕްރެކްޓިސްތަކުން ވެސް ފެނޭ. ދެން މެޗުތަކުގެ ނަތީޖާ އަށް ބަލާލި ކަމުގައި ވިޔަސް ގޯސް ޓީމެކޭ ދެންނެވޭކަށް ނެތް. އެއީ ޗެރިޓީ ޝީލްޑްގައި ވެސް ރަނގަޅު ނަތީޖާ ހޯދި. އެ އަށް ފަހު ލީގުގައި އެންމެ ކުރީގައި އޮތް މާޒިޔާއާ ޑްރޯ ކޮށްފައި އޮތީ. އެއީ އާދައިގެ ޓީމެކޭ ނޫނީ ދަށް ޓީމެކޭ ނުބުނެވޭނެ،" ފެސްކޯ ބުންޏެވެ.
ލީގުގައި ނިލަންދޫ އާއި ފޯކައިދޫ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.