ދެ ވަޒީރުން ހިމެނޭ ގޮތަށް ގައުމީ ޓީމު ކޮމިޓީއެއް އެކުލަވާލައިފި
ދެ ވަޒީރުން ހިމެނޭ ގޮތަށް ގައުމީ ޓީމު ކޮމިޓީއެއް އެކުލަވާލައިފި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެފްއޭއެމުން އެލުލަވާލައިފި އެވެ.

މި ކޮމިޓީގައި ދެން ހިމެނެނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު މޫސާ ނާޝިދު އެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ބޭއްވުނު އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މަސްއޫލިއްޔަތަކީ ޖޫނިއާ އުމުރުފުރާއިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ގައުމީ ޓީމުތަކުގެ ކުރަންޖެހޭ ހުރިހާ ކަމެއްގައި އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށާއި ގައުމީ ޓީމުތައް ތައްޔާރުވުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުމެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް ވެސް މި ސަރުކާރުގައި މަސައްކަތްކުރެއްވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ އެފްއޭއެމާ ދެމެދު މި އަހަރުގެ ކުރީކޮޅުގައި މައްސަލަތަކެއް ބޮޑުވި އެވެ. އަދި އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ވިކްޓްރީން މަސައްކަތްކުރިއިރު، އޭގެ ފަހަތުގައި މިނިސްޓަރު މަހުލޫފްގެ ދައުރެއް އޮތް ކަމަށް ބުނެ އެފްއޭއެމުން ވަނީ ތުހުމަތު ވެސް ކޮށްފަ އެވެ. އަދި މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވާ މައްސަލައިގައި އަލީ ވަހީދު ވެސް ވަނީ އެފްއޭއެމަށް ފާޑުކިޔައިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމާއި މިނިސްޓަރު މަހުލޫފް އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އެ ދެ ބޭފުޅުން ވިދާޅުވީ މިދިޔަ ޖުލައި މަހު އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތާ ބެހޭގޮތުން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އޭގެ ފަހުން ގައުމީ ފުޓްބޯޅަ ޓީމަށް އަލީ އަޝްފާގު (ދަގަނޑޭ) ނުނަގައި އޮތް މައްސަލަ އާއި ފުޓްބޯޅައާ މެދު ގިނަ ބަޔަކު މާޔޫސްކަން ބޮޑުވެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދަނިކޮށް މިނިސްޓަރު މަހުލޫފް ވަނީ ބައްސާމްއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީގައި ވެސް ނުފޫޒު ގަދަ ފަރާތެއްގެ ގޮތުގައި ފާހަަގަކުރެވޭ ޝަވީދަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ނުފޫޒުގަދަ މީހާ ކަމަށް ބައްސާމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ކޮމިޓީގައި ދެން ހިމެނޭ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އަންނަނީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުގައި ވެސް އިސް މަގާމެއް ފުރުއްވަމުންނެވެ. އެކަަމަކު ފުޓްބޯޅައިގެ މި ފަދަ މަގާމެއްގައި މޫސަ މީގެ ކުރިން މަސައްކަތްކުރައްވާފައެއް ނުވެ އެވެ.

މާލީ ދަތިކަމުގެ މައްސަލަތަކެއްގެ ސަބަބުން ފުޓްބޯޅަ ކްލަބްތައް ބިކަވެ ބައެއް ކްލަބްތަކުގެ ކޯޗުން ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާދީފަ އެވެ. މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދިން ނަމަވެސް މި އަހަރު ނުދެ އެވެ. ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކުންފުނިތަކުން ފުޓްބޯޅަ އަށް ހަރަދުކުރީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ކުންފުނިތަކުން ހުރިހާ ކުޅިވަރަކަށް ހަރަދުކުރުން ކަމަށެވެ.