22 ސެޕްޓެމްބަރ 2019 - 08:32

އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ފިލްމު "ވޯ" އަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ފިލްމެކެވެ. ވަކިން ހާއްސަކޮށް ފިލްމުގައި ދެ ތަރިންގެ ތަޅާފޮޅުންތައް ވަރުގަދަވާނެ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ "ވޯ" ގެ ހާއްސަ އަނެއް ކަމަކީ ރިތިކާއި ޓައިގާގެ ކުރިމަތިލުމެއް ފިލްމުގެ ލަވައަކުން ވެސް ދައްކައިލުމެވެ. ބޮލީވުޑްގެ އެންމެ މޮޅު ނެށުންތެރިންގެ ތެރޭގައި ވެސް ހިމެނޭ މި ދެ ތަރިން އެކީގައި ފެނިގެންދާ "ފޭސްއޮފް" ލަވަ މިހާރު ވަނީ ދައްކާލައިފަ އެވެ.
ލަވައިގެ ނަމަކީ "ޖެއި ޖެއި ޝިވްޝަންކަރް" އެވެ. ފޯރިގަދަ ނެށުންތަކެއް ބެކް ޑާންސަރުންނާ ވެސް އެކީގައި ފެނިގެންދާ ކުލަގަދަ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް-ޝޭކަރެވެ. ލަވައިގެ ޅެން ކުމާރު ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ ވިޝާލް އާއި ބެނީ ދަޔާލް އެވެ.
"ޖެއި ޖެއި ޝަންކަރު" ގެ ކޮރިއޯ ހަދާފައި ވަނީ ބޮސްކޯ މާޓިސް އެވެ.
ވައިއާރްއެފުން ގެނެސްދޭ އެންމެ އަގުބޮޑު އަދި އެންމެ ސްޓައިލިޝް އެއް ފިލްމުގެ ގޮތުގައި ބެލެވޭ "ވޯ" އަކީ ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ގިނަ މަންޒަރުތައް ޔޫރަޕްގެ އެކި ސިޓީތަކުގައި ޝޫޓްކޮށްފައިވާ ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.