މިދިޔަ އަހަރު ސްޓެލްކޯއިން ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފި
މިދިޔަ އަހަރު ސްޓެލްކޯއިން ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފި

މިދިޔަ އަހަރު ސްޓެލްކޯގެ ބޮޑެތި މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣްނީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ސްޓެލްކޯއިން ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފި
މިދިޔަ އަހަރު ސްޓެލްކޯއިން ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފި

ސްޓެލްކޯގެ ދެވަނަ އަހަރީ އާންމު ޖަލްސާގައި މުޣްނީ ވިދާޅުވީ، 2018 ވަނަ އަހަރު ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް އިންވެސްޓް ކުރި މިންވަރު 39 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެ ކުންފުނިން މިދިޔަ އަހަރު ހިންގި އެންމެ ބޮޑު ޕްރޮޖެކްޓަކީ ހުޅުމާލޭގައި ތަރައްގީ ކުރި ޕަވާ ޕްލާންޓާއި ގްރޭޓާ މާލެ ސަރަހައްދު ކަރަންޓު ވިއުގަ ގުޅާލުމަށް ހިންގާ ޕްރޮޖެކްޓެވެ. މި ދެ ޕްރޮޖެކްޓްގެ އަގު 1.8 ބިލިއަން ރުފިޔާ އަށް އަރެ އެވެ. މީގެ ތެރެއިން މިހާތަނަށް މި ޕްރޮޖެކްޓްތަކަށް ހަރަދު ކުރީ 900 މިލިއަނެއްހާ ރުފިޔާ އެވެ.

މިދިޔަ އަހަރު ސްޓެލްކޯ އަށް 110 މިލިއަން ރުފިޔާގެ ފައިދާވެފައިވެ އެވެ. މިއީ 2017 ވަނަ އަހަރަށް ވުރެ 109 ޕަސެންޓްގެ ކުރިއެރުމެކެވެ.

މުޣުނީ ވިދާޅުވީ، ބޮޑެތި އިންވެސްޓްމެންޓްތަކާ އެކު ކުންފުނީގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެކުންފުނީގެ ދަރަނި ތިން ބިލިއަނަށް އަރާ އިރު 2017 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރުގެ ދަރަނި 39 ޕަސެންޓް އިތުރުވެފައިވެ އެވެ.

"މިފަދަ ކުންފުންޏެއްގެ ދަރަނި އިތުރުވެގެން ނުދާނެ މިންވަރަކަށް މިހާރު މިވަނީ ދަރަނި އިތުރުވެފައި. ދަރަނި އިތުރުވެގެންދިޔަ ސަބަބަކީ ސަރުކާރުން ނެގި ލޯނުގެ ދަށުން ފިފްތު ޕަވާ ޕްލާންޓް ހެދުން. މިފަދަ ހުރިހާ ޕްރޮޖެކްޓެއް ތަކަކީ އަމިއްލަ އަށް ސެލްފް ފައިނޭންސް ކޮށްގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މުޣްނީ ވިދާޅުވީ، ކަރަންޓަށް ނަގާ ޓެރިފަކީ އެ ކުންފުނީގެ ހަރަދުތަކާ އެކަށީގެންވާ ރޭޓަކަށް ނުވާތީ ޓެރިފަށް ބަދަލު ގެންނަން ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލަށް އޭނާ ވަޑައެއްނުގަންނަވަ އެވެ.

ސަރުކާރުން ވަނީ މިދިޔަ މާޗް މަހުން ފެށިގެން މާލެ އާއި ރަށްރަށުގެ ކަރަންޓުގެ ހިދުމަތުގެ އަގު އެއް ހަމައަށް ގެނެސްފަ އެވެ.

މުޣުނީ ވިދާޅުވީ، މާލޭގެ ކަރަންޓްގެ ހިދުމަތް ދޭ ނެޓްވޯކަކީ ވަރަށް ގިނަ ދުވަސްވެފައިވާ ނެޓްވޯކެއް ކަމަށާއި މި ނެޓްވޯކް އަޕްގްރޭޓް ކުރުމުގެ މަސައްކަތްތައް ގިނަ ވަގުތުތައް ހޭދަވާ ކަމަށެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ކަރަންޓް ހިދުމަތް ދޭ ނެޓްވޯކްތައް ވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިންޑަސްޓިއަލް ވިލެޖުގައި ހައި ވޯލްޓޭޖް ސަބްސްޓެންޝަން ހަރު ކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ދިމާވާ ކަރަންޓުގެ ވޯލްރޭޖުގެ މައްސަލަތައް ހައްލު ކުރުން ކަމަށް މުޣްނީ ވިދާޅުވި އެވެ.

"ޕަވާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް 2 ގެ މަސައްކަތް ކުރާނަން. މިހާރު ހުރި 50 މެގަވޮޓްގެ ޕަވާ ޕްލާންޓްގެ ކެޕޭސިޓީ އިތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ގުޅީ ފަޅަށް ގެންދާއިރު އެތަނުގައި ވެސް އާ އިންޖީނުގެއެއް އެޅުމަށް ސްޓެލްކޯއިން ނިންމާފައިވެ އެވެ. އެތަނުގައި 16 މެގަވޮޓްގެ އިންޖީނުގެއެއް އަޅަން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ 50 ޕަސެންޓް ކަރަންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުން ކަމަށް މުޣްނީ ވިދާޅުވި އެވެ.

ކުންފުނިން ދޭ ހިދުމަތް ފުޅާ ކުރުމަށް ނަރުދަމާގެ އިތުރު ޕްރޮޖެކްޓްތައް ހިނގަން އެ ކުންފުނިން ނިންމާފައިވެ އެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ ނަރުދަމާގެ ފުރަތަމަ މަޝްރޫއުގެ މަސައްކަތް ވެސް ފަށައިފަ އެވެ.