އެމްޑީޕީ އޮފީހުން އަލްހާން ނުނިކުތުމުން މައްސަލަ ހޫނުވެއްޖެ
އެމްޑީޕީ އޮފީހުން އަލްހާން ނުނިކުތުމުން މައްސަލަ ހޫނުވެއްޖެ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީ އޮފީސް ތެރެއަށް ވަދެވަޑައިގެން ނުނިކުމެ އިންނެވުމުން މައްސަލަ ހޫނުވެއްޖެ އެވެ.

އަލްހާން ވިދާޅުވީ މެންދުރު ފަހު އެމްޑީޕީގެ އޮފީހަށް ވަޑައިގަތީ ޕާޓީ އަށް އާ ލީޑަޝިޕެއް އިންތިހާބުކުރަން ޖެހޭ ކަމަށް އޭނާ ފޮނުއްވި ސިޓީގެ ޖަވާބު ހޯދަން ކަމަށެވެ. ސިޓީގެ ޖަވާބު ދޭން އެދިވަޑައިގަތުމުން ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ދެއްވީ ވަރަށް ފަރުވާކުޑަ ޖަވާބެއް ކަމަށާއި ޕާޓީ އޮފީހުން ނުނިކުމެ އިންނެވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީގެ ޖަވާބު ނުލިބެނީސް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ޕާޓީ އޮފީސް ތެރޭގައި އޭނާ އިންނަވަނިކޮށް އެތަން ތަޅުލައި އެކްޓިވިސްޓުންތަކެއް ވައްދައިގެން މާރާމާރީ ހިންގި ކަމަށް އަލްހާން ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި ނިކުންނެވީ ފުލުހުންނަށް ގުޅައިގެން ފުލުހުންގެ އެހީތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

"އޮފީސް ތެރޭގައި އަޅުގަނޑު އިންދާ ތަޅުލައި 25 ވަރަކަށް އެކްޓިވިސްޓުން ވައްދައި، އޭގެ ތެރެއިން އެކަކު އަޅުގަނޑާ މާރާމާރީ ހިންގީ،" އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އޮފީސް ތެރޭގައި އޭނާ "ރަހީނުކޮށް މާރާމާރީ ހިންގި" މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އަނަސް ވިދާޅުވީ އަލްހާން ފޮނުއްވި ސިޓީގެ ޖަވާބު މާދަމާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު ގޮތް ދޫނުކުރައްވައި ޖަވާބު ވަގުތުން ބޭނުންވާ ކަމަށް ވިދާޅުވެ، އޮފީހުން ނުނިކުމެ އިންނެވީ އަމިއްލަ އަށް ކަމަށް އަނަސް ވިދާޅުވި އެވެ.

"އޮފީހުން ވަޑައިގަތުމަށް ތަކުރާރުކޮށް އެދުމުން ވެސް ވިދާޅުވީ ނުނިކުންނާނަމޭ. އެގޮތަށް ކަންކުރެއްވުމުން އަޅުގަނޑުމެން ފުލުހުންނަށް ގުޅީ އަލްހާން އޮފީހުން ނެރެދިނުމަށް. ފުލުހުން އައިސް އޭނާ އޮފީހުން ނެރުނީ،" އަނަސް ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުން ވާހަކައެއް ނުދެއްކި އެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންތަކަކާ އަލްހާނާ ދެމެދު ހަމަނުޖެހުން މި ހިނގީ އެމްޑީޕީ ހިންގަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެހެންވެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތްތަކެއް އަލްހާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިސްވެ ފައްޓަވާފައިވާ ކަމަށް އިއުލާންކުރައްވާފައި ވަނިކޮށެވެ. އެކަމަކު އެމްޑީޕީން ބުނީ، އެ މީހުންގެ އެޖެންޑާ އަކީ ޕާޓީ ހަލާލުކޮށްލުން ކަމަށެވެ.

އަލްހާން އެމްޑީޕީން ވަކި ނުކުރި ނަމަވެސް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސ. ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލްހާނަށް ނާކާމިޔާބުވެފައި ވަނިކޮށް އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރެއްވި މައްސަލާގައި ވަނީ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުން ދޮޅު އަހަރަށް މަނާކޮށްފަ އެވެ.