ގަދަ ވަައިގައި އޭދަފުށިން އާދަޔާ ހިލާފު މަންޒަރެއް
ގަދަ ވަައިގައި އޭދަފުށިން އާދަޔާ ހިލާފު މަންޒަރެއް

މިއަދު އިރުއޮއްސުނު އިރު އަދި ގަދަ ވައިގައި ބ. އޭދަފުށިން އާދަޔާ ހިލާފު މަންޒަރެއް ފެނިއްޖެ އެވެ. އެ މަންޒަރު ވަނީ އެ ރަށުގައި ދިރިއުޅޭ 10 އަހަރުގެ ކުޑަ އަންހެންކުއްޖަކު ވީޑިއޯ ވެސް ކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަނީ ރުކެއްގެ ފަނެއް ވައިގެ ތެރޭގައި ހެލިލަހެލިލަ އޮއްވަ އެވެ. މިއީ މިނެޓެއްހާ އިރުގެ ވީޑިއޯއެއް ނަމަވެސް، އެ ފަން ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ވަންދެން ވައިގެ ތެރޭގައި އޮތް ކަމަށް ވެ އެވެ.

ވީޑިއޯ ކުރި ކުޑަކުއްޖާގެ މަންމަ "މިހާރު" އަށް މިރޭ ބުނީ 6:10 ހާއިރު ގޭގެ ދެވަނަ ބުރީގެ ބެލްކަންޏަށް ނިކުތްއިރު ވައިގެ ތެރޭގައި ފަނެއް އޮތް މަންޒަރު އޭނާ އަށް ވެސް ފެނުނު ކަމަށާއި ވީޑިއޯ ކުރީ ދަރިފުޅު ކަމަށެވެ.

"އެ ފަން މޫވްކޮށްލަ މޫވްކޮށްލަ އޮތީ. އެހެން އޮވެފައި ތިރިވަމުން ތިރިވީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ފަން އެހެން އޮތް އިރު އާދަޔާހިލާފު ކަމެއް ކަމަށް އެ ވަގުތު ހީނުކުރާ ކަމަށާއި އެ ވަގުތު ވައި ވަރަށް ގަދަކަމުން އާދައިގެ ކަމެއް ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. ފަން އެހެން އޮވެފައި ކުއްލިއަކަށް ގެއެއްގެ މައްޗަށް ވެއްޓުނީ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކަމަކު އެ މަންޒަރު އެ ރަށުގެ މާ ގިނަ ބަޔަކަށް ނުފެންނަ ކަމަށް ވެ އެވެ. ބައެއް މީހުން ބުނި ގޮތުގައި ވަރަށް ގަދައަށް އޭރު ވާރޭ ވެހޭތީ، ރަށުގައި މީހުން ބޭރަށް ނުކުމެއެއް ނޫޅެ އެވެ. އެހެންވެ މިކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާނެ ބަޔަކު ނުވި އެވެ.

މޫސުމީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވައިގެ ތެރޭގައި އެފަދަ ގޮތަކަށް އެއްޗެއް ހިފެހެއްޓިފައި އޮތުމަކީ، އެކަށީގެންވާ ކަމެކެވެ. އަދި އެނބުރޭ ވައިގަނޑުތައް އެއްޗެއްގައި ޖެހިއްޖެ ނަމަ އެ އެއްޗެއް، އެ ވައިގަނޑުގެ ބާރުމިން ކެނޑެންދެން ވައިގެ ތެރޭގައި ހިފަހައްޓާލާ ކަމަށް އެ މީހުން ބުނެ އެވެ.

"އެކަމަކު އެއީ ވަރަށް ނުފެންނަ މަންޒަރެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.