ފިންލެންޑުގެ ކޯހެއް ތައާރަފްކޮށް އައިލެންޑާސް އިން މަތީ ތައުލީމަށް
ފިންލެންޑުގެ ކޯހެއް ތައާރަފްކޮށް އައިލެންޑާސް އިން މަތީ ތައުލީމަށް

ރާއްޖެ އަށް ފިންލެންޑުގެ ކޯހެއް ތައާރަފުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފަށަން އައިލެންޑާސް އެޑިއުކޭޝަނުން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ ފިންލެންޑުގެ ޔުނަސްކިލާ ޔުނިވާސިޓީ އޮފް އެޕްލައިޑް ސައިންސާ ގުޅިގެން އެންމެ ފުރަތަމަ ފަށާނީ 21 ވަނަ ގަރުނަށް ފެތޭގޮތަށް ކިޔަވައިދިނުމުގެ އުކުޅުތަކާ ބެހޭ ޑިޕްލޮމާ ކޯހެއް ކަމަށެވެ. މިއީ ފިންލެންޑުގެ ކޯހެއް އޭޝިއާގެ ގައުމެއްގައި ފަށާ ފުރަތަމަ ފަހަރެވެ.

އައިލެންޑާސް އިން މީގެ ކުރިން އައީ ހަމައެކަނި، ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދެމުންނެވެ. އެހެންވެ މަތީ ތައުލީމް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ "އައިލެންޑާސް އިންސްޓިޓިއުޓް އޮފް އެޕްލައިޑް ސައިންސް" (އައިއައިއޭއެސް) ގެ ނަމުގައި އިންސްޓިޓިއުޓެއް އުފައްދައިފަ އެވެ.

ތައުލީމީގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމާ އެކު މި މަސައްކަތް ފެށިކަން އިއުލާނުކުރެއްވީ އައިލެންޑާސް އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގަ އެވެ. އެ ކޮންފަރެންސްގައި، އައިލެންޑާސްގެ ދަށުން ހިންގަމުން އަންނަ އަށް ސްކޫލަކުން 300 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވި އެވެ.

ޔުނަސްކިލާ އެޕްލައިޑް ސައިންސް ޔުނިވާސިޓީއާ ގުޅިގެން އެންމެ ފުރަތަމަ ޑިޕްލޮމާ ކޯސް ފެށުމަށް ފަހު، އެ އިންސްޓިޓިއުޓުން އަމާޒު ހިފާފައިވަނީ ޔުނަސްކިލާ އެޕްލައިޑް ސައިންސް ޔުނިވާސިޓީން ހިންގާ ޔުނަސްކިލާ ޔުނިވާސިޓީގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމް ހިންގުމަށެވެ. ޑިޕްލޮމާ ނިންމާ ދަރިވަރުންނަށް ސްކޮލަޝިޕް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޯސްތަކާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.

"ފިންލެންޑުގެ އެހާ ޝަރަފުވެރި ޔުނިވާސިޓީއެއްގެ ސެޓްފިކެޓް ހާސިލްކުރުމަކީ މިތަނުގައި މަސައްކަތްކުރާ ޓީޗަރުންނަށް އެހާ ގިނައިން އަދި ފަސޭހައިން ލިބޭނެ ފުރުސަތެއް ނޫން. އެހެންވެ އެ ޔުނިވާސިޓީއާ ގުޅިގެން މިފަދަ ފުރުސަތެއް ފަހިކޮށްދެވުމަކީ ވަރަށް އުފާވާ ކަމެއް. އުއްމީދުކުރަނީ އޭގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި ކިޔަވައިދިނުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިންލެންޑުގެ ދެ ވަނައަށް އެންމެ ބޮޑު ޔުނިވާސިޓީއާ ގުޅިގެން ޓީޗަރުން ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތަމްރީނުކުރާއިރު، އެ ކޯސްތަކުގައި ކިޔަވައިދޭނީ ވެސް ފިންލެންޑުގެ ލެކްޗަރާއިން ކަމަށެވެ.

ޔުނަސްކިލާ އެޕްލައިޑް ސައިންސް ޔުނިވާސިޓީއަކީ އެ ގައުމުގައި މަތީ ތައުލީމް ފޯރުކޮށްދޭ ދެ ވަނައަށް އެންމެ ބޮޑު ތަނެވެ. ތައުލީމީ ދާއިރާއިން ކިޔެވުމަށް ދުނިޔޭގެ ގަދަ 100 ޔުނިވާސިޓީގެ ތެރޭގައި ޔުނަސްކިލާ ޔުނިިވާސިޓީ ހިމެނޭއިރު އެ ދާއިރާއިން ކިޔެވުމަށް ވަރަށް ބޮޑު ޑިމާންޑެއް ލިބެ އެވެ.