24 ސެޕްޓެމްބަރ 2019 - 20:43

މާލޭގެ މަޖީދީ މަގުގައި ވީހާވެސް އަވަހަކަށް ފަޔަ ހައިޑްރަންޓް ސިސްޓަމްތައް އަލުން ބަހައްޓަން ޑިފެންސް މިނިސްޓްރީން ކަމާ ގުޅޭ މުއައްސަސާތަކާ މިއަދު މަޝްވަރާކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓްރީ އާއި އެމްއެންޑީއެފާއި މާލެ ސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ އާއި ހައުސިން މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖީދީމަގު އަލުން ހެދިއިރު އެ މަގުގައި ފަޔަ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމަށް މަސައްކަތް ކުރި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ ކުރީގެ ސަރުކާރުން މަޖީދީމަގު އަލުން ހެދި އިރު ފަޔަ ހައިޑްރަންޓް ނިޒާމު ގާއިމުކުރަން އަޅަން ޖެހޭ ހޮޅި ވެސް އަޅައި ނިމިފައިވާނެ ކަމަށެވެ.
އެކަމަކު، މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ފަޔަ ހައިޑްރަންޓް ސިސްޓަމް ބޭނުން ނުކުރި ސަބަބާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.
މުއިއްޒު ވެސް ވިދާޅުވީ މަޖީދީމަގުގެ އެކި ހިސާބުތަކުން ފެން ނެގޭ ގޮތަށް ނިޒާމު ގާއިމުކޮށްފައި އޮއްވައި، އެ ބޭނުން ނުކުރި ސަބަބު ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭނެ ކަމަށެވެ.
އެކަމަކު، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ފަޔަ ހައިޑްރަންޓް ސިސްޓަމް ގާއިމު ކުރަން އެމްއެންޑީއެފުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ފައިސާ ހަވާލުކުރި ނަމަވެސް އެ ސިސްޓަމް ނިންމާފައި ނުވާ ކަމަށެވެ. މަޖީދީމަގުގައި ހޮޅި އަޅާފައި ވިޔަސް ބޭނުންކުރެވޭ ވަރަށް އެކަމުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލޭގެ މަޖީދީމަގާއި އެހެން މަގުތަކުގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.