އެފްއޭއެމަށް ދެން ވާނެ ގޮތަކާ މެދު ސުވާލުތަކެއް!
އެފްއޭއެމަށް ދެން ވާނެ ގޮތަކާ މެދު ސުވާލުތަކެއް!

އެފްއޭއެމްގެ އެކްސްކޯ އުވުމާ އެކު، އެ އެސޯސިއޭޝަން އިންތިހާބަކާ ހަމަޔަށް ގެންދާނެ ގޮތަކާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ މެދު ހިތްހަމަނުޖެހިގެން، އެކްސްކޯގެ ފަސް މެމްބަރަކު ހޯމަ ދުވަހު އިސްތިއުފާ ދީފައިވާއިރު އަސާސީ ގަވާއިދު ބުނާ ގޮތުން މިހާރު ވަނީ އެކްސްކޯ އުވިފަ އެވެ.

ދިވެހި ބަހުން އޮތް އަސާސީ ގަވާއިދު ބުނާ ގޮތުން މިކަހަލަ ހާލަތެއްގައި އިންތިހާބު ބޭއްވުމުގެ ޒިންމާ ނަގަން ޖެހޭނީ އެފްއޭއެމްގައި އޮންނަ އިމަޖެންސީ ކޮމިޓީއަކުންނެވެ. އެކަމަކު ފަސް މެމްބަރުން އިސްތިއުފާ ދެއްވި އިރު އެ ކޮމިޓީ ހަދާފައެއް ނުވެ އެވެ. ދިވެހި ބަހުން އޮތް ގަވާއިދު ބުނާ ގޮތުން އިމަޖެންސީ ކޮމިޓީ ހަމަކޮށްގެން އިންތިހާބުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭނީ ޖެނެރަލް ސެކްރެޓަރީ އެވެ. އެކަމަކު އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ އަސާސީ ގަވާއިދު ބުނަނީ އިމަޖެންސީ ކޮމިޓީގައި ކޯރަމް ހަމަނުވާ ނަމަ، އިންތިހާބީ ކޮންގްރެސް ބޭއްވުމަކީ ސީދާ ޖެނެރަލް ސެކްރެޓަރީގެ ޒިންމާއެއް ކަމަށެވެ.

އެކްސްކޯ އުވުމުގެ ކުރިން ރައީސް ތޯރިގް ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކުރައްވައިފަ އެވެ. އެހެންކަމުން ސުވާލަކީ، އިމަޖެންސީ ކޮމިޓީ ވެސް ނެތުމާ އެކު އަދި ޖެނެރަލް ސެކްރެޓަރީއެއް ވެސް ނެތުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

އެއް ގޮތަކީ، އިންތިހާބު ބާއްވަން ފީފާ އިން އިންޓަރިމް ކޮމިޓީއެއް ނުވަތަ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމެވެ. އެކަމަކު ބައްސާމް ވަކިކުރި ގޮތާ މެދު ސުވާލުތައް އުފައްދާތީ، ފީފާ އިން ފަހަރުގައި ބައްސާމަކީ އަދިވެސް ޖެނެރަލް ސެކްރެޓަރީ ކަމަށް ކަނޑައަޅައި އިންތިހާބު ބޭއްވުން އޭނާއާ ހަވާލުކޮށްފާނެ އެވެ.

އަސާސީ ގަވާއިދުގައި އެކްސްކޯގެ ޒިންމާތައް ކަނޑައަޅާފައިވާ މާއްދާގައި ބުނާ ގޮތުން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރަން ޖެހޭނީ އެކްސްކޯގެ މަޝްވަރާގެ މަތިންނެވެ. އެކަމަކު ރައީސްގެ ޒިންމާތަކާ ބެހޭ މާއްދާގައި ބުނަނީ އެއީ ރައީސަށް ލިބިދޭ ބާރެއް ކަމަށެވެ. ބައްސާމް ވަކިކުރީ އެކްސްކޯގެ މަޝްވަރާ ނެތި ކަމަށް އިސްތިއުފާ ދެއްވި ފަސް މެމްބަރުން ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ފީފާ އިން މިއަދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އެފްއޭއެމްގެ ދިވެހި އަސާސީ ގަވާއިދާއި އިނގިރޭސި ތަރުޖަމާގައި ބައެއް ތަފާތުތައް އެބަ ހުއްޓެވެ. އެގޮތުން އެކްޒެކްޓިވް ކޮމިޓީއާ ބެހޭ ގޮތުން ދިވެހި ބަހުން އޮތް 33 ވަނަ މާއްދާގައި ހިމެނެނީ ނުވަ އަކުރެވެ. އެކަމަކު އިނގިރޭސި ތަރުޖަމާގައި 10 އަކުރު ހިމެނެ އެވެ.

ދެ ބަހުން އޮތް ގަވާއިދުގައި ފުށުއަަރާ ކަންކަން ހުރި ނަމަ ފީފާ އިން ބުރަވަނީ އިނގިރޭސި ބަހުން އޮންނަ ގަވާއިދަށް ކަމަށް އެނގިފައިވެ އެވެ.