25 ސެޕްޓެމްބަރ 2019 - 11:29

ގާތްގަނޑަކަށް ހަޔެއްކަ އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭން ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް އަލުން އިއްޔެ ފެށިއިރު، އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ މުބާރާތުގެ ހައިބަތު ބޮޑުވެ ފޯރިގަދަވެއްޖެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.
ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ފަހުން ވޭތުވެދިޔަ އަހަރުތަކުގައި ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތެއް ނުބޭއްވެ އެވެ. އެއީ 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. މަރާމާތަށް ފަހު މި މަހު ބެޑްމިންޓަން ހޯލް ހުޅުވިއިރު، ފުރަތަމަ ބޭއްވި މުބާރާތަކީ މޯލްޑިވްސް ބެޑްމިންޓަން ފިއުޗާ ސީރީސް އެވެ. އެ މުބާރާތް ކާމިޔާބު ކަމާ އެކު ނިމުނުއިރު، ދުނިޔޭގެ ލެވެލްގައި ރަނގަޅު ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިންނާއި ސަރަހައްދުގެ އެކި ގައުމުތަކުގެ ޗެމްޕިއަނުން ކުޅުނެވެ.
ބީއޭއެމް އިން ބުނީ މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ބައިވެރިވާން 47 ގައުމުން އެންޓްރީ ހެދި ކަމަށާއި އެކަމަކު ރޭންކިން އާއި ގުރުއަތުލުމުގެ ކަންތައްތައް ނިމުނުއިރު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މިންގަނޑުން ބަލާއިރު ބައެއް ގައުމުތަކަށް ބައިވެރިވެވެން ނެތެވެ. މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖްގައި 42 ގައުމަކުން ވާދަކުރާއިރު، އޭގެ ތެރޭގައި ދުނިޔޭގެ ރޭންކިންގެ ގަދަ 100 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަންހެން އަދި ފިރިހެން ކުޅުންތެރިން ގިނަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ އޭޝިއަން ގޭމްސް ފަދަ ބޮޑެތި މުބާރާތްތަކެކޭ އެއް އަދަދަކަށް މި ފަހަރު އިންޓަނޭޝަނަލް ޗެލެންޖްގައި ގައުމުތަކުން ތަމްސީލްކުރަމުން އަންނައިރު ކުޅުންތެރިންގެ ފެންވަރާއި މުބާރާތުގެ ހައިބަތު ވެސް ބޮޑު ކަމަށެވެ.
"އަސްލު ހަގީގަތުގައި އޮލިމްޕިކްސް ސައިކަލް ތެރޭގައި އިން މުބާރާތެއް ވީމަ ވަރަށް ގިނަ ކުޅުންތެރިން ވާދަކުރޭ މީގައި. ފެންވަރަށް ބަލާއިރު ދުނިޔޭގެ ރޭންކިންގެ އަންހެން، ފިރިހެން ގަދަ 100 ކުޅުންތެރިންގެ ތެރެއިން އަންހެން ސިންގަލްސް 23 ކުޅުންތެރިން ފިރިހެން ސިންގަލްސް 21 ވަރަކަށް ކުޅުންތެރިން އެބައުޅޭ. މިއީ ހަގީގަތުގައި މެދުކެނޑުމަކަށް ފަހު މި މުބާރާތް ފަށާއިރު ވަރަށް ބޮޑު ކުރިއެރުމެއް،" އިއްޕަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަަހަރުގެ މުބާރާތުގައި ޔޫރަޕްގެ 22 ގައުމެއްގެ ކުޅުންތެރިން ވާދަކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖެ އަކީ ޓޫރިސްޓުންގެ މަގުބޫލު ޑެސްޓިނޭޝަނަކަށް ވެސް ވުމުން ކަމަށެވެ.
މުބާރާތުގައި އިއްޔެ ކުޅުނީ ފިރިހެން ސިންގަލްސް ކޮލިފިކޭޝަން ބުރުގެ މެޗުތަކެވެ. ކޮލިފައިން ބުރުގައި ފިރިހެން ސިންގަލްސް ބައިގައި ކުޅުނު ރާއްޖޭގެ ހަ ކުޅުންތެރިން ވެސް އިއްޔެ ވަނީ ބަލިވެފަ އެވެ. އެ ގޮތުން ޒުވާން ކުޅުންތެރިޔާ އަހުމަދު ނިބާލް ބަލިވީ މެލޭޝިއާގެ ޒީ ޔީއާ ކުޅެގެން 21-06، 21-10 އިންނެވެ. ރާއްޖޭގެ އެއް ވަަނަ ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ބަލިވީ އިންޑިއާގެ ރަގޫ އަތުން 21-14، 21-09 އިންނެވެ. ތައިލެންޑުގެ ކޮރަކްރިތު އަތުން މުހައްމަދު ސޮބާހު ބަލިވީ 21-08، 21-08 އިންނެވެ. އިންޑިއާގެ އަބިޔާންޝް އަތުން ރާއްޖޭގެ މުހައްމަދު އާކިފް ބަލިވީ 21-08، 21-09 އިންނެވެ. އަދި އިންޑިއާގެ އަބިޝޭކް އަތުން ތޯއިފް އަހުމަދު 21-15، 21-11 އިން ބަލިވިއިރު، ތައިލެންޑުގެ ޕަކަޕޮން އަތުން މުހައްމަދު ރަފާހު ބަލިވީ 21-07، 21-8 އިންނެވެ. .