25 ސެޕްޓެމްބަރ 2019 - 15:52

ގާހިރާ (ސެޕްޓެމްބަރު 25) - އިޖްޕްޓް އެއާގެ މަތިންދާ ބޯޓެއް މާޗް 2016 ގައި ހައިޖެކްކުރި މީހާ އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
ގޮވާ ތަކެތީގެ ފޭކް ބެލްޓެއް ބޭނުންކޮށްގެން މިސްރުގެ ގައުމީ އެއާލައިނުގެ ބޯޓު ހައިޖެކްކޮށް ސައިޕްރަސް އަށް ގެންދިޔައީ މިސްރުގެ ރައްޔިތެއް ކަމަށްވާ ސައިފުއްދީން މުސްތަފާ އެވެ. ސައިޕްރަސްގައި ބޯޓު ޖެއްސުމާ އެކު، ފަސް ގަޑިއިރަށް ފަހު، ބޯޓުގައި ތިބި އެންމެން ވަނީ ދޫކޮށްލައިފަ އެވެ.
ސައިޕްރަސްގައި ބޯޓު ޖެއްސުމާ އެކު މުސްތަފާ ވަނީ ރަންވޭ އަށް ސިޓީ އުރައެއް ވައްޓާލައިފަ އެވެ. އެ ސިޓީ އުރަ އޭނާ އެޑްރެސްކޮށްފައި ވަނީ ސައިޕްރަސްގެ އަންހެނަކަށެވެ. ފަހުން އެނގުނު ގޮތުގައި އެ އަންހެން މީހާ އަކީ މުސްތަފާ ކުރިން ކައިވެނި ކުރި މީހެކެވެ. އެކަމަކު އެ އަންހެން މީހާއާ މުސްތަފާ ވަނީ އޭގެ 24 އަހަރު ކުރިން ވަކިވެފަ އެވެ.
"އާއިލާ ނުފެނި 24 އަހަރުވެފައިވާ މީހަކަށް، އޭނާގެ އާއިލާއާ ބައްދަލު ކުރަން ބޭނުންވެފައި ވަނިކޮށް މިސްރު ސަރުކާރުން އެކަމަށް ހުރަސް އެޅުމުން ދެން ކީއްކުރާނީ،؟" ސައިޕްރަސްގެ ފުލުހުންނަށް މުސްތަފާ އޭރު ބުނެފައިވެ އެވެ.
މުސްތަފާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ގޮވާތަކެތި ބޭނުންކޮށްގެން މަތިންދާ ބޯޓެއް ހުއްޓުވުމާއި ޓެރަރިސްޓް ނިޔަތެއްގައި ޕަސިންޖަރުންނަށް ބިރު ދެއްކުން ހިމެނެ އެވެ.
މުސްތަފާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރަން އޭނާ އަށް ދެ މަސް ދުވަސް ވަނީ ދީފަ އެވެ.