28 ސެޕްޓެމްބަރ 2019 - 08:49

ނަމޫނާ ކައިވެންޏަކަށް ދެކެނީ އަމިއްލަ މައިންބަފައިންގެ ކައިވެނި ކަމަށާއި ފިރިމީހާ ނިކް އަކީ ބައްޕަ ކަހަލަ ނަމޫނާ ފިރިއެއް ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
އަންނަ މަހުގެ 11 ގައި ރިލިޒްކުރާ އޭނާގެ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ޕްރޮމޯޝަނަށް މިހާރު އިންޑިއާގައި ހުރި ބަތަލާ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބުނީ ނިކް އަކީ ވަރަށް ލޯބި ފިރިއެއް ކަމަށެވެ.
"އަހަންނަށް ނިކް ސިފަ ކުރެވެނީ ބައްޕަގެ މިރާ އިމޭޖެއްގެ ގޮތުގައި. ބައްޕަގެ ގޮތަށް އޭނަ އަކީ އަނބިމީހާ އާއި އާއިލާ އަށް ވަރަށް އަޅާލާ އޯގާތެރި ފިރިއެއް،" ޕްރިޔަންކާ ބުންޏެވެ. "ބައްޕައެކޭ އެއްގޮތަށް ނިކް އަކީ ވެސް މިއުޒިކަށް އެހާ ލޯބިކުރާ މީހެއް. އަދި ކުރާ ކޮންމެ ކަމެއް ވަރަށް ރަނގަޅަށް ފުރިހަމަ އަށް ކުރާ މީހެއް."
ޕްރިޔަންކާ ބުނިގޮތުގައި އޭނާގެ ކައިވެނީގެ ގުޅުން ކާމިޔާބުކަމާ އެކު ދަމަހައްޓަން އަބަދުވެސް ނަމޫނާއަކަށް ބަލާނީ މައިންބަފައިންނެވެ.
މިއުޒިކަށް ވަރަށް ލޯބިކުރާ އަދި ކޮންމެވެސް ވަރަކަށް ލަވަ ވެސް ކިޔައި ކުޅުނު ޕްރިޔަންކާގެ ބައްޕަ އަޝޯކް ޗޯޕްރާ އަކީ ޑޮކްޓަރެކެވެ. މަންމަ މަދޫ ޗޯޕްރާ އަކީ ވެސް ޑޮކްޓަރެކެވެ. އަޝޯކް ވަނީ 2013 ގައި މަރުވެފަ އެވެ.
ޕްރިޔަންކާ "ދަ ސްކައި އިޒް ޕިންކް" ޕްރޮމޯޓްކުރަމުން އަންނަ އިރު، މި ފިލްމަކީ ތިން އަހަރު ފަހުން އޭނާ ސްކްރީނުން ފެންނަ ފުރަތަމަ ހިންދީ ފިލްމެވެ. ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގެ "ޖެއި ގަންގާޖަލް" އެވެ.
ފިލްމުގެ ޕްރޮމޯޝަނުގައި، އަންނަ ހަފުތާގައި އޭނާ ބައެއް ޓީ ޗެނެލްތަކުގެ ޑާންސް ޝޯތަކުން ފެންނާނެ އެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރް ޖަޖްކަންކުރާ ޒީޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑިއައިޑީ) އާއި މަދޫރީ ޑިކްސިޓް ޖަޖްކަންކުރާ ކަލާޒްގެ "ޑާންސް ދީވާނޭ" ހިމެނެ އެވެ.
ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ "ދަ ސްކައި އިޒް ޕިންކް" އަކީ އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
ޒާއިރާ ވަސީމް، އައިޝާގެ ރޯލް ކުޅެފައިވާ ފިލްމުގައި ޕްރިޔަންކާ އާއި ފަރްހާން އަޚްތަރު ފެނިގެންދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.
"ދަ ސްކައި އިޒް ޕިންކް" މި މަހު ބޭއްވި ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކޮށް، ކްރިޓިކުންގެ ތައުރީފު ވެސް ހޯދާފައިވެ އެވެ.