ބާސެލޯނާ އިން ލިބުނު ފުރުސަތު ޕުޔޯލް ދޫކޮށްލައިފި
ބާސެލޯނާ އިން ލިބުނު ފުރުސަތު ޕުޔޯލް ދޫކޮށްލައިފި

ބާސެލޯނާ (ސެޕްޓެމްބަރު 27) – ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރަކަށް ވާން އެ ޓީމުގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލައިފި އެވެ.

މުޅި ކެރިއަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު އޭނާ ކުޅުން ހުއްޓާލީ 2014 ގަ އެވެ. އޭގެ ފަހުން އޭރުގެ ސްޕޯޓިން ޑިރެކްޓަރު އެންޑޮނީ ޒުބިޒަރެއްޓާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު ކްލަބުން ވަކިވީ އެވެ.

ޕުޔޯލް ބުނީ ސްޕޯޓިން ޑިރެކްޓަރުގެ މަގާމް ކްލަބުން ހުށަހެޅުމުން އެކަމާ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ނިންމީ ފުރުސަތު ދޫކޮށްލަން ކަމަށެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން. އެއީ އަހަރެން އަބަދުވެސް ބުނަމުން އައީ އަހަރެންގެ އަމިއްލަ ގޭގެ ގޮތުގައި ބަލާ ކްލަބަށް އެނބުރި އަންނަން ބޭނުމޭ. އެކަމަކު ވަރަށް ގިނަ އަމިއްލަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރަމުން އަންނާތީ، އެ މަގާމުގެ ގޮތުން ދޭން ޖެހޭ ވަގުތު ދެވޭނެ ގޮތެއް ނެތީ،" ޕިޔޯލް ބުންޏެވެ.

މި ވަގުތު ބާސެލޯނާގެ ސްޕޯޓިން ޑިޕާޓްމަންޓުގައި މަސައްކަތްކުރަނީ ޕުޔޯލާ އެކު އެ ޓީމަށް ކުރިން ކުޅުނު ފްރެންޗް ޑިފެންޑަރު އެރިކް އަބިދާލާއި ނެދަލެންޑްސް ފޯވާޑް ޕެޓްރިކް ކްލައިވެޓެވެ.

ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕުޔޯލް ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ހަ ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ހާސިލްކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ތަށި ކެޕްޓަންގެ ހައިސިއްޔަތުން އުފުލާލީ ޕުޔޯލް އެވެ.