ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ސިނަމާ އަށް އަންނަ އެންމެ ބޮޑު ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ގަ އެވެ. އަދި މި ފިލްމަކީ ރެއިންކާނޭޝަން އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ހައިސްފުލް 4" ގެ ކާސްޓުންނަކީ ފުރަތަމަ ތިން ބައިގައި ވެސް މުހިއްމު ރޯލްތައް ކުޅުނު އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ބޮބީ ޑިއޯލް އާއި ކްރިތީ ސެނަން އާއި ޕޫޖާ ހެގްޅޭގެ އިތުރުން ކްރިނީ ކަރްބަންދާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރާނާ ދަގޫބަތީ، ބޮމަން އިރާނީ، ޗަންކީ ޕާންޑޭ، ނަވާޒުއްދީން ސިއްދީގީ އަދި ޕަރޭޝް ރާވަލް ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

"ހައުސްފުލް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ސިނަމާތަކަށް ގެނައިތާ ތިން އަހަރު ފަހުން ހަތަރު ވަނަ ބައި ގެނެސްދޭ އިރު، މި ފިލްމުގެ ޑައިރެކްޝަނާ ކުރިން ހަވާލުވީ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓްކުރި ސާޖިދު ޚާނެވެ.

ނަމަވެސް އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ފަރުހާދުއާ ފިލްމު ހަވާލުކުރީ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައި އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ގެނެސްދޭން ނިންމައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމުގައި މި ފަހަރު ޖޯންއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ބުޝަންގެ އަންހެނުން ދިވްޔާ ޚޯސްލާ ކުމާރެވެ. އޭނާއަކީ ކުރިން ވެސް ފިލްމު ކުޅެފައިވާ ބަތަލާއެކެވެ. ދިވްޔާ ފަހުން ވަނީ ޑައިރެކްޝަނަށް ނުކުމެ ދެ ފިލްމެއް ގެނެސްދީފަަ އެވެ. އެއީ 2014 ގެ "ޔާރިޔާން" އާއި 2016 ގެ "ސަނަމް ރޭ" އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ވެސް ލިޔެ، ޑައިރެކްޓްކުރި މިލަޕް މިލަން ޒަވޭރީ އެވެ.

އޭނާ މިހާރު އަންނަނީ ނޮވެމްބަރު 8 ގައި "މަރުޖާވާ" ގެނެސްދޭން ތައްޔާރުވަމުންނެވެ. އެ ފިލްމުގެ ތަރިންނަކީ ސިދާތު މަލްއުތުރާ، ތާރާ ސުތާރިއާ، ރިތޭޝް ދޭޝްމުކް އަދި ރަކުލް ޕްރީތު ސިންގެވެ.

ނަވާޒުއްދީން ސިއްދީގީ އާއި ތަމަންނާ ބާޓިއާ މުހިއްމު ރޯލްތަކުން ފެނިގެންދާ ލޯބީގެ ފިލްމު "ބޯލެ ޗޫޅިޔާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމުވެގެން ދާނީ ނަވާޒުއްދީން ފިލްމެއްގެ ލީޑް ރޯލުން ލޯބީގެ ކެރެކްޓާއަކުން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ.

"ބޯލެ ޗޫޅިޔާ" ގެ ޑައިރެކްޓަރަކީ އޭނާގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފިލްމަކީ ނަވާޒުއްދީންގެ ކުރީގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

"ބޯލެ ޗޫޅިޔާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން ޕްރޮޑިއުސްކޮށް، އޭނާގެ ވާހަކައަކަށް ހަދާފައިވާ މިއުޒިކަލް ރޮމޭންޓިކް ފިލްމު "99 ސޯންގްސް" އަންނަ މަހު ބާއްވާ ބުސާން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ މަހުގެ 3-12 އަށް ކުރިއަށްދާ ފެސްޓިވަލްގައި އެ ފިލްމު ޕްރިމިއާކުރާނީ 9 ވަނަ ދުވަހު އެވެ. އެކަން ރަހްމާން ކުރި ޓްވީޓާގައި ވެސް ހިއްސާކޮށްފަ އެވެ،

އާ ދެ ތަރިއަކު ތައާރަފުކުރާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މީގެ ސްކްރީންޕްލޭ ވެސް ލިޔުނު ވިޝްވޭޝް ކްރިޝްނަމުރުތީ އެވެ. ފިލްމުން ތައާރަފުކުރާ ދެ ތަރިންނަކީ އެހާން ބަޓާއި އެޑިލްސީ ވަރުގަސް އެވެ.

"99 ސޯންގްސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި މަނީޝާ ކޮއިރަލާ، ލީޒާ ރޭ އަދި އަދިތިޔާ ސީލް ހިމެނެ އެވެ.

ފިލްމުގެ ޕޯސްޓަރެއް ވެސް މިހާރު ދައްކާލާފައިވާ އިރު، ބެލުންތެރިން މިހާރު އިންތިޒާރުކުރަނީ ޓްރެއިލާއަށެވެ. އަދި "99 ސޯންގްސް" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.