28 ސެޕްޓެމްބަރ 2019 - 12:49

އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެ އިން ދިޔަ ވަފުދުގެ ބޭފުޅުންގެ ޚަރަދުތަކަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށް ކުރާ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ރޭ ދޮގުކުރައްވައިފި އެވެ.
ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ރައީސަކު އދ.ގައި ތަގުރީރު ކުރައްވަން ވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވި އިރު އެމަނިކުފާނާ އެކު ސަރުކާރުގެ 30 ބޭފުޅުން ވަޑައިގަތް ކަމަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެ ދަތުރުގެ ޚަރަދަށް ހަ މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަވާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ހޫދު ވިދާޅުވީ އދ. ގެ ބައްދަލުވުމަށް ވަޑައިގަތް ބޭފުޅުންގެ އަދަދު 30 އަށް ނާރާ ކަމަށެވެ. އެ އަދަދު 15 އަށް ވުރެން ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ތިއްބެވީ އެމެރިކާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ ބޭފުޅުން ކަމަށް ހޫދު ވިދާޅުވި އެވެ.
ޔޫއެންގެ ދަތުރަށް ސަރުކާރުން ކުރާ ހޭދައިގެ ތަފްސީލެއް ހޫދު ނުދެއްވަ އެވެ.
"އާއްމު ގޮތެއްގައި އެފަދަ ހަރަދުތަކުގެ ތަފްސީލެއް ހިއްސާއެއް ނުކުރަން. އެކަމަކު ބައެއް ފަރާތްތަކުން މިހާރު ކިޔަމުންދާ އަދަދުތަކަށް ވުރެ މާ ބޮޑުތަން ކުޑަވާނެ އެކަމުގެ ހަރަދުތައް،" ހޫދު ވިދާޅުވި އެވެ.
ރައީސްގެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ އިތުރުން ރައީސާއެކު ދަތުރުތަކުގައި އާއްމުކޮށް ވަޑައިގަންނަވާ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ހޫދުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސްގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހާއި ސެކްރެޓަރީ އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވަ އެވެ.