28 ސެޕްޓެމްބަރ 2019 - 21:09

ވޮޝިންޓަން (ސެޕްޓެމްބަރު 28) - ސިޔާސީ ވާދަވެރިއެއްގެ މައްސަލައެއް ތަހުގީގު ކުރުމަށް ޔޫކްރޭން ސަރުކާރަށް ބާރު އަޅައިގެން ރައީސް ޑޮނަލްްޑް ޓްރަމްޕް ވަނީ ގާނޫނު އަސާސީއާ ޚިލާވެފައި ކަމަށާއި އެހެންވެ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުން ނޫން ގޮތެއް ނެތް ކަމަށް ހައުސްގެ ރައީސް ނެންސީ ޕެލޯސީ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮރެޓިކް ޕާޓީން ވާދަކުރައްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލަ ތަހުގީގު ކުރަން ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ޖުލައި 25 ވަނަ ދުވަހު ފޯނުން ގުޅުއްވައި ބާރު އަޅުއްވައިފަ އެވެ. މި މައްސަލައާ ގުޅިގެން ޓްރަމްޕް މަގާމުން ދުރުކުރުމުގެ މައްސަލައިގެ ރަސްމީ މަރުހަލާތައް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވަނީ ފަށައިފަ އެވެ.
"ޓްރަމްޕް ކުރައްވާފައި އެ ވަނީ ގައުމީ ސަލާމަތާ ގުޅޭ ކަމެއް. އެކަމާ ގުޅިގެން ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުން ނޫން ގޮތެއް މެންބަރުންނަކަށް ވެސް ނޯންނާނެ،" އެމްއެސްއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޕެލޯސީ ވިދާޅުވި އެވެ.
އެމެރިކާގެ ނައިބް ރައީސްގެ މަގާމުގައި ބައިޑަން ހުންނެވި ދުވަސްވަރު ދަރިކަލުން ހަންޓާ ހުންނެވީ ޔުކްރޭންގެ ނޭޗަރަލް ގޭސް ކުންފުންޏެއްގެ ބޯޑު މެންބަރަކަށެވެ. އެ ކުންފުނީގެ މައްސަލައެއް އެ ދުވަސްވަރު ބެލުން ހުއްޓުވީ ބައިޑަންގެ ނުފޫޒުންތޯ ބެލުމަށް ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސްގެ އަރިހުން އޮޅުންފިލުވަން އުޅުއްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އެއްވެސް ކަމަކާ ގުޅޭ ގޮތުން ޔުކްރޭނުގެ ރައީސް އަށް ޕްރެޝަރުކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް ވަނީ ޔުކްރޭނަށް ދޭ އަސްކަރީ އެހީގެ 400 މިލިއަން ޑޮލަރު ހިފެހެއްޓުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެއީ ޔުކްރޭނުގެ ރައީސް އަށް ޕްރެޝަރު ކުރުމަށް ކަމަށްވެ އެވެ.