30 ސެޕްޓެމްބަރ 2019 - 06:46

ވެނެޒުއެލާގެ ގައުމީ ތެޔޮ ކުންފުނި، "ޕެޓްރޯލިއޯޒް ޑީ ވެނެޒުއެލާ" އިން ބިޓްކޮއިން ބޭނުންކުރަން އުޅޭ ކަމަށް އެބަ ވާހަކަ ދެކެވެ އެވެ. ބްލޫމްބާގް ބުނާ ގޮތުގައި، "ކްރިޕްޓޮކަރަންސީ" ނިޒާމެއް ހިންގޭ ފެންވަރު، އެ ކުންފުނީގެ ސާވާތަކުގައި ހުރިތޯ، ތެޔޮ ކުންފުނިން އަންނަނީ ބަލައި ޓެސްޓްކުރަމުންނެވެ.
އެމެރިކާ އިން އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ވެނެޒުއެލާ ވަނީ ދުނިޔޭގެ މާލީ ނިޒާމުން އެކަހެރިވެފަ އެވެ. މި ސަބަބާ ހެދި މާލީ މުއާމަލާތްތައް ދެމެހެއްޓުން އެ ގައުމަށް ވެފައި ވަނީ ތުރާލަކަށެވެ. މި އުނދަގުލުން އަރައިގަނެ އަދި ގައުމު ހިންގުމަށް ބޭނުންވާ މާލީ މުއާމަލާތްތައް، ބިޓްކޮއިން މެދުވެރިކޮށް ކުރުމަށް، އެ ގައުމުން ކުރިން ވެސް މަސައްކަތްކުރި އެވެ. ނަމަވެސް، ކާމިޔާބެއް ނުވި އެވެ.
ވެނެޒުއެލާ އިން ވިސްނަނީ ގައުމަށް ލިބެން ހުރި ފައިސާ، ޑޮލަރަށް ބަދަލުކުރުމުގެ ކުރިން ބިޓްކޮއިން އަށް ބަދަލުކުރުމަށެވެ.
ބްލޫމްބާގް ބުނާ ގޮތުގައި "ޕެޓްރޯލިއޯޒް ޑީ ވެނެޒުއެލާ" އިން ކްރިޕްޓޮކަރަންސީ ލިބިގަތީ ކިހިނެއް ކަމެއް ނޭނގެ އެވެ. އަދި އެ މީހުންގެ އަތުގައި އެ ކުޅަދާނަކަން ހުރި މިންވަރެއް ވެސް ނޭނެ އެވެ. ތެޔޮ ކުންފުނިން ކްރިޕްޓޮކަރަންސީ އާ މެދު ވިސްނަން ފެށި ސަބަބެއް ކަމަށް ބްލޫމްބާގް ބުނަނީ، މާލީ މުއާމަލާތްތަކަށް ސައްހަ އެހެން މަގެެއް ނެތުމުން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ގަނެ ވިއްކުމަށް ފިކުރެއް ނެތި ހުރިހާ ގައުމަކުން ބަރޯސާކުރަނީ އެމެރިކާ ޑޮލަރަށެވެ. ވެނެޒުއެލާ އަށް ފުދޭ ވަރަށް ވެސް އެމެރިކާ ޑޮލަރު ލިބޭނެ ގޮތެއް ނެތެވެ. އެ ގައުމުން ޑިޖިޓަލް ފައިސާއާ މެދު ވިސްނަން ފެށި ސަބަބަކީ މި އެވެ.
ގައުމުތަކުން ޑޮލަރަށް ބަރޯސާވާން ޖެހިފައި އޮތް ނިޒާމު ބަދަލުކޮށްލެވެން އޮތީ ބިޓްކޮއިން ކަހަލަ "ޑިޖިޓަލް" ފައިސާއަކުންނެވެ.