01 އޮކްޓޯބަރ 2019 - 12:22

ބޭރުގެ ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންްސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވިގޮތުގައި މި ސަރުކާރު އައި ފަހުން އިންޑިއާ އާއި މެދުއިރުމަތީގެ ގައުމުތަކާއި އެމެރިކާ އަދި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކާ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވެ އެވެ. އެކަމުގެ ސަބަބުން ހިލޭ އެހީ ލިބުނު މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ، މިނިސްޓަރު ވިދާޅުވިގޮތުގައި، އަހަރަކު އެވްރެޖުކޮށް 150 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރު އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން މިހާތަނަށް އަޅުގަނޑުމެންނަށް 3.2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވަނީ،" "ރާއްޖެޓީވީ" ގެ ފަލަސުރުހީ ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރަށް 10 މަސް ވެގެންދިޔައިރު ބަޖެޓު ތަންފީޒުކުރުމުގެ ކަންތައްތައް ރަނގަޅުވެފައިވާ ކަމަށެވެ. މީގެ ކުރިން ފެނުނީ ބަޖެޓު ފާސްކުރާ ގޮތަށް ތަންފީޒުނުކުރެވުނު މަންޒަރުކަމަށް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި މަޖިލީހުން ފާސްކުރި ބަޖެޓުތަކުގެ 90 ޕަސެންޓް ތަންފީޒުކޮށްފައިވަނީ، ފާސްކުރި ބަޖެޓުތަކާ ހިލާފަށްކަމަށް ވިދާޅުވި އެވެ. އެހެންވެ ހާއްސަ އިސްކަމެއް ދީގެން ބަޖެޓު މެނޭޖުކުރުން މިހާރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކުރިން ބަޖެޓު ނުކޮށް ކުރަމުންދިޔަ ބޭކާރު ހަރަދުތައް ކުޑަކޮށް އަދި މަޝްރޫއުތައް ހިންގަމުން އައި އަގު ވެސް ވަރަށް ބޮޑުތަކުން ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލުތައް، ފިނޭންސް އިން ކޮންމެ ހަފުތާއަކު އާއްމުކުރަމުން އަންނަ މައުލޫމާތުތަކުން ވަރަށް ރަނގަޅަށް އެނގޭނެކަން ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ސްޕީޑު ލަސްވެ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ބުނެ ކިޔަމުންދާ ފާޑުކިޔުންތަކަށް މިނިސްޓަރު ޖަވާބުދެއްވި އެވެ. ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 129 މަޝްރޫއެއް އަލަށް ހަވާލުކޮށްފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު 3.6 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ވިދާޅުވި އެވެ.
"މުޅި ޖުމްލަ 129 ޕްރޮޖެކްޓް. ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް 3.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް މިހާރު އެވޯޑު ކުރެވިފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ޕްލޭންތައް ހަދައިގެން ކަމަށެވެ. ސަރުކާރާ ހަވާލުވެފައި އެންމެ ފުރަތަމަ ވެސް ފެށީ ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ކަމަށާއި އެކަން ފައިނަލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު މުޅި ރާއްޖެ އޮންނާނެ ގޮތުގެ ސްޕޭޝަލް ޕްލޭނެއް، ޕްލޭނިން މިނިސްޓްރީން ހަދަމުން އަންނައިރު ކެބިނެޓަށް ހުށަހަޅައި ވަރަށް އަވަހަށް ފާސްކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު ސަރުކާރުގެ އެކްޝަން ޕްލޭންގެ ކަންތައްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި ސްޕީޑް ވެސް ރަނގަޅު ސަރުކާރުގެ. ޕީއެސްއައިޕީ ޕްރޮޖެކްޓް ރަނގަޅަށް ޕްލޭންކުރެވިގެން ގެންދެވޭކަމަށް އަޅުގަނޑު ގަބޫލުކުރަން،"
ޓެންޑާ ބޯޑުން ދޭނީ، މަޝްރޫއުތަކުގެ އަގު ވަކި އަދަދަކަށް ވުރެ ބޮޑު ނަމަ އެވެ. އެހެންނޫނީ އެ މަސައްކަތް ހަވާލުކުރާނީ، އެ މަސައްކަތް ކުރާ މިނިސްޓްރީއަކުން އާއްމުކޮށް އިއުލާނުކޮށްގެންނެވެ.
ހުރިހާ ރަށްރަށުގައި ޕްރޮޖެކްޓުތައް ފަށައި ހިނގައިގަނެވުމުން އިގުތިސާދު ކުރިއަރައި ވިޔަފާރިތަކަށް ވެސް ފައިދާވާނެ ކަމަށާއި މިއަހަރު ނިމެންވާއިރަށް، ބަޖެޓުގައި ހިމަނާފައިވާ ހުރިހާ ޕްރޮޖެކްޓެއް ހަވާލުކުރެވޭނެކަމަށް ވިދާޅުވި އެވެ.