ލައިބްރަރީން ގެންދިޔަ ފޮތް ހަވާލުކުރީ 60 އަހަރު ފަހުން
ލައިބްރަރީން ގެންދިޔަ ފޮތް ހަވާލުކުރީ 60 އަހަރު ފަހުން

އިިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގެ ލައިބްރަރީން މީހަކު ގެންދިޔަ ފޮތެއް 60 އަހަރު ފަހުން ހަވާލުކޮށްފި އެވެ.

"ކަލްޗާސް އެންޑް ސޮސައިޓީސް އެފްރިކާ" ގެ ނަން ދީފައިވާ ފޮތް މިދިޔަ ބުދަ ދުވަހު ހަވާލުކުރީ ޔުނިވަސިޓީގެ ކުރީގެ ދަރިވަރެކެވެ. އޭނާ ލައިބްރީން ފޮތް ގެންދިޔަތާ 60 އަހަރު ފަހުން ހަވާލުކުރި އިރު، ލައިބްރަރީގެ ސިސްޓަމްގައި އެ ފޮތް އޮތީ ގެއްލިފައިވާ ފޮތެއްގެ ގޮތުގައި ހިމަނައިފަ އެވެ. ފޮތް ހަވާލުކުރުމާ ގުޅިގެން މިހާރުގެ ރޭޓުން ބަލާ ނަމަ އެއަށް އަރާ ޖޫރިމަނާ 4،700 ޕައުންޑް (ހަފުތާއަކަށް 1.50 ޕައުންޑް) ވަނީ މާފު ވެސް ކޮށްފަ އެވެ.

ފޮތް އަލުން ލިބޭނެކަމުގެ އުންމީދު ގެއްލިފައި ވަނިކޮށް، ފޮތް ލިބުމުން ކެމްބަރިޖް ޔުނިވަސިޓީ ލައިބްރީން އެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ. އެ ޓްވީޓްގައި ބުނީ ލަސްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެގޮތަށް ދިމާވީ ފޮތުގެ މުހިއްމުކަން ބޮޑުކަމުންނާއި ފޮތް ގެންދިޔަ މީހާގެ ކިޔުމުގެ ސްޕީޑް ލަސްވުމުން ކަމަށް ވެދާނެ ކަމަށް ބުނެފައިވެ އެވެ.

ކެމްބްރިޖް ޔުނިވަސިޓީ ލައިބްރަރީން ބުނީ "ކަލްޗާސް އެންޑް ސޮސައިޓީސް އެފްރިކާ" ފޮތް އަނބުރާ ލިބިފައިވާތީ ވަރަށް އަވަހަށް އެ ފޮތް ފޮތް ހަރުގަނޑަށް ލާނެ ކަމަށެވެ.

ލައިބްރަރީން ގެންދާ ފޮތްތައް އެތައް އަހަރެއް ފަހުން ހަވާލުކުރި އެހެން ހާދިސާއެއް މި އަހަރު ހިނގާފައިވެ އެވެ. އެއީ އެމެރިކާފަ އެވެ.

އެމެރިކާގެ ނިއު ޖާޒީ ސްކޫލަކުން ގެންދިޔަ ފޮތަކަށް ވީނުވީއެއް ނޭނގިގެން އުޅޭތާ 53 އަހަރު ފަހުން އެ ފޮތް ސްކޫލާ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ހަވާލުކޮށްފައިވެ އެވެ.