01 އޮކްޓޯބަރ 2019 - 19:30

"މިހާރު" ނޫހުގެ ފަރާތުން ނެރުނު ފުރަތަމަ ވިޔަފާރި މެގަޒިން "ބްރޭންޑްސް އޮފް މޯލްޑިވްސް" މިއަދު ލޯންޗުކޮށްފި އެވެ.

ކޮންމެ އަހަރު އެއް ފަހަރު ނެރޭ މި މެގަޒިންގެ ފުރަތަމަ އަދަދު ނެރެދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

މާގިރި ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި، މިހާރުގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވީ، ބްރޭންޑްސް އޮފް މޯލްޑިވްސް އަކީ "މިހާރު" ނޫހުގެ ލިޔުންތެރިންނާއި "މިހާރު"ން ނެރޭ އިނގިރޭސި ނޫސް "ދި އެޑިޝަން"ގެ ލިޔުންތެރިންގެ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެން މި އާޓިކަލްތައް ބަލައިލީމަ ވަރަށް އިންސްޕަޔަރިން ބޮޑު ވިޔަފާރިތަކާއި އިސްވެރިންގެ ލައިފްއާ ގުޅޭ އާޓިކަލްތައް އެބަ ފެނޭ. ބައެއް ކުދި ކުދި ވިޔަފާރިތައް ކާމިޔާބުވި ގޮތުގެ ވާހަކަތަކާއި ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް ހިތްވަރު ލިބޭ ކަހަލަ ވާހަކަތައް ހުންނާނެ،" މޫސަ ވިދާޅުވި އެވެ.
އިނގިރޭސި ބަހުން ނެރުނު ބްރޭންޑްސް އޮފް މޯލްޑިވްސްގެ ފުރަތަމަ އަދަދުގައި 21 އާޓިކަލެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ޕްރޮފައިލް، އިގްތިސާދީ ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ ލިޔުންތައް ހިމެނެ އެވެ.