04 އޮކްޓޯބަރ 2019 - 10:52

ލަންޑަން (އޮކްޓޫބަރު 4) - މި ސީޒަނުގައި ފްރޭންކް ލަމްޕާޑް، ޗެލްސީގެ ކޯޗުކަމާ ހަވާލުވެ އެ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނައިރު އޭގެ ތެރެއިން އެންމެ ބޮޑަށް ވިދަމުން އަންނަ ކުޅުންތެރިއަކީ ކުރިއަށްކުޅޭ ޓެމީ އަބްރަހަމް އެވެ. ޓެމީ ކުރިއަރުވަން ލަމްޕާޑް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ ތެރެއިން އެއް ކަމަކީ ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާގެ ވީޑިއޯތަކުގެ އެހީތެރިކަން ހޯދުމެވެ.
ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކުޅެ ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ޑްރޮގްބާ އެ ކްލަބަށް ކުޅުނުއިރު ޓެމީ އުޅުނީ އެ ޓީމުގެ ޔޫތު ޓީމުތަކުގަ އެވެ. މި ސީޒަން ފެށުމުގެ ކުރިން އިންޓަވިއުއެއްގައި ވެސް ޓެމީ ވަނީ ޑްރޮގްބާ ފަދަ ކުޅުންތެރިއަކަށް ވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 10 މެޗުން ޓެމީ ވަނީ އަށް ގޯލު ޖަހައިފަ އެވެ.
ޗެލްސީ ޔޫތު ކޯޗަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އުމުރުން 22 އަހަރުގެ ޓެމީގެ ޓްރެއިނިން ސެޝަންތަކާއި އެކި ކަންތައްތައް ބައްޓަން ކުރުމުގައި ލަމްޕާޑް ބޭނުންކުރަނީ ޑްރޮގްބާ ސްޓައިލުގެ ގޮތްތަކެވެ. ޑްރޮގްބާގެ ފަރާތުން ވެސް އެހީތެރިކަން ހޯދާއިރު، ޓެމީ އަށް ވަކިން އެކި ކަހަލަ ޓްރެއިނިންތައް ވެސް ލަމްޕާޑް ކުރިއަށްގެންދެ އެވެ. އަދި ފަހަކަށް އައިސް އިނގިރޭސި ގިނަ ފުޓްބޯޅަ ތަޖުރިބާކާރުން ފާހަގަކުރަމުން އަންނަ އެއް ކަމަކީ ޑްރޮގްބާ ސްޓައިލުގެ ކުޅުންތައް ޓެމީގެ ފަރާތުން ފެންނަ ކަމެވެ.
ދާދިފަހުން ޑްރޮގްބާ ވެސް ވަނީ އޭނާ ޗެލްސީ އަށް ކުޅުނުއިރު ޓެމީ އަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެފަ އެވެ. އަދި މަސައްކަތްކޮށްފިނަމަ ޓެމީ އަށް ގިނަ އަހަރުތަކެއް ވަންދެން ޗެލްސީގެ އެޓޭކް ލީޑުކުރެވޭނެ ކަމަށް ޑްރޮގްބާ ގަބޫލުކުރެ އެވެ.
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ފްރާންސްގެ ލޮސްކް ލިލް ކޮޅަށް ޓެމީ ޖެހި ގޯލުގައި ވެސް ތަފާތުކަމެއް ހުރި ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ފާހަގަކުރި އެވެ.
"އޭނާގެ ކުޅުމުން ޑްރޮގްބާގެ ގޮތްތައް އެބަފެނޭ. ބޯޅަ ހިފެހެއްޓުމަށް ފަހު އެހެން ކުޅުންތެރިން އެޓޭކުގައި ބައިވެރިކުރުމުގައި ވެސް. ހާއްސަކޮށް ލިލް ކޮޅަށް މި ޖެހި ގޯލު. މިއީ ޑްރޮގްބާ ކުޅުނު ދުވަސްވަރު ތަޖުރިބާ ކުރެވުނު ޗެލްސީގެ ސިފަތައް. ޓެމީ އެ އޮތީ ރަނގަޅު ޓްރެކުގައި. އޭނާ ކުރިއަރުވަން ލަމްޕާޑް އެ ގެންގުޅެނީ ރަނގަޅު އުސޫލުތަކެއް،" ފާޑިނަންޑް ބުންޏެވެ.
ޓެމީ އަށް ނައިޖީރިއާ އަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނިކޮށް އޭނާ ވަނީ އިންގްލެންޑުން ކުރިއަށް އޮތް ޔޫރޯ ކޮލިފައިންގައި ކުޅޭ ދެ މެޗުގެ ސްކޮޑަށް ނަގައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޓެމީ ވަނީ އިންގްލެންޑަށް ކުޅެން ނިންމައިފަ އެވެ. އެކަމަކު ރަސްމީކޮށް އަދިވެސް އޭނާ ގޮތެއް ނުނިންމަ އެވެ.