އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް 93 ފިލްމު
އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް 93 ފިލްމު

އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ރެކޯޑް އަދަދަކަށް ފިލްމު ހުށަހަޅާފައިވާ ކަމަށް އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން ބުނެފި އެވެ.

އެތަނުން ބުނީ މި އަހަރު 93 ފިލްމު ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީގެ ނަމުގައި އޮސްކާގައި ބޭރުގެ ފީޗާ ފިލްމުތަކަށް އެވޯޑް ދިން ނަމަވެސް އަންނަ އަހަރުން ފެށިގެން އެވޯޑް ދޭން ނިންމާފައި ވަނީ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމުގެ ނަމުގަ އެވެ.

އަންނަ އަހަރުގެ އޮސްކާ އަށް ބޭރުން 93 ފިލްމު ހުށަހަޅާފައިވާ އިރު، އެ އަދަދާ ގާތް ކުރާ އަދަދަކަށް އެންމެ ފަހުން ފިލްމުތައް ހުށަހެޅީ 2017 ގަ އެވެ. އެ އަހަރު 92 ފިލްމު ހުށަހެޅި އެވެ. އަދި މިދިޔަ އަހަރު ހުށަހެޅީ 87 ފިލްމެވެ.

އޭއެމްޕީއޭއެސް އިން ބުނިގޮތުގައި މި އަހަރު ފިލްމުތައް ހުށަހެޅި ގައުމުތަކުގެ ތެރޭގައި މުޅިން އަލަށް ފިލްމުތައް ހުށަހެޅި ތިން ގައުމެއް ވެސް ހިމެނެ އެވެ. އެއީ ގާނާ އާއި އުޒްބެކިސްތާނުގެ އިތުރުން ނައިޖީރިއާ އެވެ.

އޭއެމްޕީއޭއެސް އިން ވަނީ ބެސްޓް އިންޓަނެޝަނަލް ފިލްމު ކެޓަގަރީ އަށް ހުށަހެޅި ފިލްމުތަކުގެ ނަންތައް ވެސް އިއުލާންކޮށްފަ އެވެ. ގިނަ ފިލްމުތަކެއް އެވޯޑަށް ވާދަކުރި ނަމަވެސް ނޮމިނޭޝަނުން ފުރުސަތު ލިބޭނީ ޝޯޓްލިސްޓްކުރާ 10 ފިލްމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 5 ފިލްމަކަށެވެ. ޝޯޓްލިސްޓްކުރާ ފިލްމުތައް ޑިސެމްބަރު މަހުގެ 16 ގައި އިއުލާންކުރާނެ އެވެ. އަދި ނޮމިނޭޝަންތައް ޖެނުއަރީ 13 ގައި އިއުލާންކުރާނެ އެވެ.

އަންނަ އަހަރުގެ އޮސްކޮ އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 9 ގަ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމުގެ އެވޯޑް ގެންދިޔައީ އަންފޮންސޯ ކުއަރޯން ޑައިރެކްޓްކުރި މެކްސިކޯގެ "ރޯމާ" އެވެ.