11 އޮކްޓޯބަރ 2019 - 19:27

މާލޭގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން ފެނުނު ޒަހަމްތަކަކީ އެހެން މީހަކު ދީފައި ހުރި އަނިިޔާއެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހެންވޭރު ގެއެއްގައި މިއަދު މަރުވެފައި އޮއްވާ ހެނދުނު ފެނުނީ 28 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވި ކަން އެނގުނީ ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާ އިން ގޮސް ބެލުމުންނެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނު އިރު އެ މީހާގެ އަނގައިން ފޮނުތަކެއް ނިކުމެފައި ހުއްޓެވެ. އަދި ނިތްކުރީގައި ތިލަކޮށް ޒަހަމެއް ފެންނަ ހުރި ކަމަށެވެ. އެކަމަކު އެ ޒަޚަމަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ ޒަހަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއީ އެހެން މީހަކު ދިން އަނިޔާއެއް ކަމަށް ވެސް މިހާތަނަށް ބެލިބެލުމުން ފާހަގަވެފައި ނުވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.