14 އޮކްޓޯބަރ 2019 - 09:57

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުދަ ދުވަހު ބަންގްލަދޭޝަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހެނދުނު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ބައްދަލުކުރައްވާނެ އެވެ. އަދި އެ ދުވަހު އިތުރު ޕްރޮގްރާމްތަކެއްގައި ބައިވެރިވަޑައިގަތުމަށް ފަހު ލާއޮސް އަށް ފުރާވަޑައިގަންނަވާނެ އެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވީ އިންފަންޓީނޯގެ މި ދަތުރުފުޅު އެ ގައުމަށް ވަރަށް މުހިއްމު ކަމަށާއި ފުޓްބޯޅަ ކުރިއެރުވުމަށް އެ ގައުމުން ކުރާ ކަންކަން އިންފަންޓީނޯ ބައްލަވާނެ ކަމަށެވެ.
"އެކަމަކު މިއީ އެކުވެރިކަމުގެ ދަތުރަކަށްވުމުން އެއްވެސް ކަހަލަ ޑިމާންޑްތަކެއް ކުރުން ރަނގަޅެއް ނުވާނެ އަހަރެމެންގެ ފަރާތުން. އެހެން ވިޔަސް، ކަމެއް މަތިވެއްޖެ ނަމަ އަހަރެމެން މަޝްވަރާކުރާނަން،" ސަލާހުއްދީން ވިދާޅުވި އެވެ.
މިއީ ފީފާގެ ރައީސަކު ބަންގްލަދޭޝަށް ކުރައްވާ ހަތަރު ވަނަ ޒިޔާރަތެވެ. މީގެ ކުރިން ޔޮއާއޯ ހަވޮލޯންޖް 1980 އާއި 1981 ގައި އަދި ސެޕް ބްލެޓާ 2006 އާއި 2012 ގައި އެ ގައުމަށް ޒިޔާރަތްކުރެއްވި އެވެ.
ފޯރިގަދަ އަދި ވަރުގަދަ ލީގެއް އަށްޑިހައިގެ ތެރޭގައި ބަންގްލަދޭޝްގައި އޮތް ނަމަވެސް ފަހަކަށް އައިސް ކްރިކެޓުގެ ފޯރީގެ ހިޔަނި ފުޓްބޯޅަ އަށް ވަނީ އެޅިފަ އެވެ. އެކަމަކު އާބާދީ ބޮޑު ގައުމުތަކުގައި ފުޓްބޯޅަ އާލާކުރަން ފީފާ އިން ކުރާ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝާ މެދު ހާއްސަ ނަޒަރަކުން ފީފާ އިން ދެކޭ ކަމަށް ބެލެވެ އެވެ. ފީފާ އިން އަންނަނީ އިންޑިއާގައި ވެސް ފުޓްބޯޅައިގެ ފޯރިގަދަކުރަން އެހީތެރިވަމުންނެވެ.