17 އޮކްޓޯބަރ 2019 - 11:34

އަންކަރާ (އޮކްޓޯބަރު 17) - ސީރިއާގެ އިރުއުތުރުގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުވޭނެ އެއްވެސް ބާރެއް ދުނިޔޭގައި ނެތް ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ގޮތުން ޕްރެޝަރު ކުރިމަތިކުރި ނަމަވެސް އުރުދުޣާން ވިދާޅުވީ ކުރުދީ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައި، ތުރުކީން ބޭނުންވާ ގޮތަށް އެ ސަރަހައްދުގައި "ރައްކާތެރި ޒޯނެއް" ގާއިމްކުރެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"އެ މީހުން އަމާންދީފި ނަމަ މިރޭ ވެސް ތުރުކީގެ އޮޕަރޭޝަން ހުއްޓާލާނެ،" ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީން ގަބޫލް ކުރަނީ އެސްޑީއެފް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ.
ކުރުދީ ހަނގުރާމަވެރިންނާއި ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް މަޝްވަރާ ކުރުމަށް އުރުދުޣާން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ތުރުކީގެ ހަމަލާތައް ހުއްޓާލާނެ ހަމައެކަނި ގޮތަކީ ކުރުދީ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައި، އެ މީހުންގެ ދަންތުރަތައް ނައްތާލައި އަދި ތުރުކީން ބޭނުންވާ އަމާންކަމުގެ ޒޯން ގާއިމްކުރުމުން ކަމަށް ވިދާޅުވި އެވެ.
"ﷲ އިރާދަކުރެއްވިޔާ މަންބިޖް (ސީރިއާގެ ހުޅަނގުއުތުރުން) ފެށިގެން އިރާގާއި އަޅުގަނޑުމެން ގުޅޭ ބޯޑަރާ ހަމައަށް ވަރަށް އަވަހަށް އަމާން ކުރާނަން،" ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.
ބޯޑަރު ސަރަހައްދުން ހަނގުރާމަވެރިން ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަން ތުރުކީން ފެށީ މި މަހު 9 ވަނަ ދުވަހު އެވެ.
ހަމަލާތައް ހުއްޓާލުމުގެ ގޮތުން އެންމެ ބޮޑަށް ބާރުއަޅަމުންދަނީ އެމެރިކާއިންނެވެ. އެމެރިކާގެ އިންޒާރުތަކަށް ރައްދުދެއްވުމުގެ ގޮތުން ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލޫ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާ އިން ދޭ އިންޒާރުތައް ގަބޫލް ނުކުރެވޭނެ ކަމަށާއި އެމެރިކާގެ ކޮންމެ ފިޔަވަޅަކަށް ތުރުކީން ރައްދު ދޭނެ ކަމަށެވެ.